ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ، މުހައްމަދު ނަވީޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ޖަމްޝީދެވެ.
މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތުގެ ދަށުން، ލައިޓިން ސިސްޓަމް ހަރުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރިޓް މަސައްކަތާއި، ވެލްޑިން މަސައްކަތާއި އަދި ކަރަންޓު ވަޔަރިން މަސައްކަތް ކުރާނެއެވެ. މި މަޝްރޫއަކީ 2.2 މިލިއަން ރުފިޔާއަށް 120 ދުވަސް ތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

3,000 މީހުންގެ އާބާދީއެއް އޮންނަ މަނަދޫ އަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އެހެންކަމުން، އަތޮޅުގެ އެހެން ރަށްރަށުން އެކިކަހަލަ ޚިދުމަތް ހޯދުމަށް މިރަށަށް ބަރޯސާވެއެވެ. އެގޮތުން، މިރަށުގައި އަތޮޅު ފެންވަރުގެ އެކިއެކި ކުޅިވަރު މުބާރަތްތައްވެސް ބާއްވައެވެ. މިރަށުގެ ޒުވާނުންނަކީވެސް ފުޓްބޯޅަ ކުޅުމަށް ފޯރި ހުންނަ ބަޔަކަށްވުމާއެކު، ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމެއް ހަރުކުރެވުމުން، ރޭގަނޑުވެސް މި ދަނޑުގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.
ވޭތުވެދިޔަ 45 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމަށް އެމްޓީސީސީއިން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު