ތ. މަޑިފުށީގައި ތަރައްޤީކުރަމުންދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު މަޝްރޫޢުގެ ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ޓައި ބީމްތަކުގެ ޝަޓަރިންގ އެޅުމާއި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

މަޑިފުށީގެ ޒުވާނުންނާއި އާންމު ރައްޔިތުންގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރުގެ ވަޞީލަތްތަކާއެކު ފުރިހަމަ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ޤާއިމުކުރެވިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަޝްރޫޢުގެ މަސައްކަތްތައް ނިންމައި، ވީއެންމެ އަވަހަކަށް މަޑިފުށީގެ ރައްޔިތުންނަށް މި ސެންޓަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މިއީ ރަށްރަށުގައި ކުޅިވަރާއި ކަސްރަތުގެ ވަޞީލަތްތައް ޤާއިމުކޮށް، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަޝްރޫޢެކެވެ.