ސ. ހިތަދޫގައި ޤާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޢިމާރާތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ރާނައި ސިމެންތި ޖެހުމުގެ މަސައްކަތްތަކާއި ބިންގަނޑު އެއްވަރުކޮށް ވެލި އެޅުމުގެ މަސައްކަތްތަކެވެ.
ހިތަދޫގައި ތަރައްޤީކުރާ މި ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރަކީ އެކި ކަހަލަ ކާރިސާތަކުގެ ވަގުތުތަކުގައި ފަސޭހަކަމާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަޤްޞަދުގައި ބިނާކުރާ ތަނެކެވެ. ދެ ފަންގިފިލާއަށް ޢިމާރާތްކުރާ މި ސެންޓަރުގައި މީޓިންގ ރޫމަކާއި، ކޭޓަރިންގގެ ޚިދުމަތް ދެވޭނެ އިންތިޒާމުތަކުގެ އިތުރުން ގުދަންތަކާއި އެއްވުންތައް ބޭއްވޭނެ ހޯލްތައް ހިމެނެއެވެ. އަދި ކާރިސާތަކުގެ ވަގުތުތަކުގައި ބޭނުންވާނެ އެހެނިހެން ޒަމާނީ ވަސީލަތްތައް ވެސް މި ޢިމާރާތުގައި ޤާއިމުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ސަރުކާރުން ބުނެފައިވަނީ ހިތަދޫގައި މި ސެންޓަރު ޤާއިމުކުރެވި ޚިދުމަތް ދޭން ފެށުމުން، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކުއްލި ކާރިސާތަކުގައި ދެކުނުގެ ރައްޔިތުންނަށް އަވަސްކަމާއި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވި، ދިމާވާ ދަތިތަކަށް އަވަސް ޙައްލުތަކެއް ހޯދައިދެވޭނެ ކަމަށެވެ.
ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ހަރުދަނާކޮށް ޑިޖިޓަލައިޒް ކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދާދިފަހުން ވަނީ 'ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް' (ޑާލާ) ޕޯޓަލް ތަޢާރަފުކޮށްފައެވެ.
މި ޕޯޓަލްގެ ސަބަބުން، މީގެ ކުރިން މެނުއަލްކޮށް ގިނަ ވަގުތު ހޭދަކޮށްގެން ކުރަމުންދިޔަ ކާރިސާތަކުގެ ގެއްލުން ވަޒަންކުރުމުގެ އެންމެހައި މަސައްކަތްތައް ފަސޭހަ، ރައްކާތެރި އަދި ގުޅިފައިވާ ޒަމާނީ ޑިޖިޓަލް ނިޒާމަކަށް ބަދަލުވެގެންދާނެއެވެ. އަދި އޮންލައިންކޮށް ކަމާގުޅޭ މުއައްސަސާތަކަށް ގެއްލުމުގެ މަޢުލޫމާތު ވަގުތުން ރިޕޯޓުކުރެވި، ލިބުނު ގެއްލުންތައް އަވަހަށް ހިސާބުކޮށް ބަދަލު ދިނުމުގެ މަރުޙަލާތައް ލަސްނުވެ ކުރިއަށް ގެންދެވޭނެ ކަމަށް އެންޑީއެމްއޭއިން ހާމަކުރެއެވެ.
ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކާ އެކު، ޤުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ، މިފަދަ ޢުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. ހިތަދޫގައި ބިނާކުރެވޭ މި ސެންޓަރާއެކު ރާއްޖޭގެ ދެކުނުގައި ކާރިސާތަކަށް އިޖާބަދިނުމުގެ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.