ޤައުމު ބިނާކުރުމުގައި މުދައްރިސުން ކުރައްވާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުން ސަރުކާރުން އަބަދުވެސް ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ކުރިއަރައިގެން ދިއުމަށް ކޮންމެ ކުއްޖަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކީ މުދައްރިސުން ކަމަށެވެ. އެހެންވެ މި މުދައްރިސުންގެ ދުވަހުގައި އެފަދަ މުދައްރިސުން ޤައުމުގެ މުސަތަގުބަލު ބިނާ ކުރެއްވުމަށް ވެވަޑައިގަންނަވާ ގުރުބާނީ އާއި ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރުވެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްވިދާޅުވީ މުދައްރިސުން ޤައުމު ބިނާކުރުމުގައި އަދާކުރައްވާ މުހިންމު ދައުރު ފުރިހަމަ ގޮތުގައި އަދާކުރުމަށް އެއްބާރުލުން ދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ. އެގޮތުން، މުދައްރިސުންނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މުދައްރިސުންގެ ދުޅަހެޔޮކަމާއި މަސައްކަތުގެ ވަގުތާއި ބުރަ ކުޑަކޮށް، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެކަމަށްވެސް ރައީސްވިދާޅުވިއެވެ. އަދި އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމު އުނގަންނައިދިނުމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތަޢުލީމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށްވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުދައްރިިސުންނަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންގެ ދަރިންނާއި ޤައުމު ކުރިއެރުވުމަށް އެޅޭ ބިންގާ ހަރުދަނާ ކުރެވޭނެ ކަމެއް ކަމަށެވެ. އެހެންވެ މުދައްރިސުންގެ އަގުވަޒަންކޮށް، ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ފުރިހަމަ ގާބިލިއްޔަތާ ހަމައަށް ވާސިލްވުމަށް އެހީތެރިވެދޭނެފަދަ މާހައުލެއް މުދައްރިސުންނަށް ގާއިމުކުރުމަށް އެއްބާރުލުން ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަކީ މުޅި ދުނިޔޭގައި ވެސް ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހެވެ. މި ދުވަހަކީ ޖީލުތައް ބިނާކޮށް، މުޖުތަމަޢުގެ ލޮލަށް ފެންނަ އަލިކަމަކަށް ޢިލްމުގެ ނޫރު ގެނެސްދޭ މުދައްރިސުންގެ އަގުވަޒަންކޮށް، އެބޭފުޅުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ޚާއްޞަކުރެވިފައިވާ ދުވަހެކެވެ. ދިވެހިރާއްޖޭގައި ވެސް މި ދުވަސް ފާހަގަކުރަމުން ދަނީ ޤައުމީ ފެންވަރުގައާއި، ސްކޫލްތަކުގެ ފެންވަރުގައި ވަރަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
ރާއްޖޭގެ ތަޢުލީމީ ދާއިރާ ތަރައްޤީވަމުން އައިސްފައިވާ ގޮތަށް ބަލާއިރު، މުދައްރިސުން އަދާކުރައްވާފައިވަނީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެކެވެ.
ދުނިޔޭގައި މުދައްރިސުންގެ ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 5 އޮކްޓޫބަރ 1994 ވަނަ އަހަރުއެވެ.










ކިޔުންތެރިންގެ ހިޔާލު