އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މުޅިން ހައްލުކުރެވޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ އާބާދީ ބޭރު ދުނިޔޭގައިވެސް ބަލައިގަންނަ މިންވަރަކަށް ދަށްކޮށް، ސަތޭކަ އިންސައްތަ ނަތީޖާ ހާސިލުކުރުން ކަމަށެވެ. އަދި ދިވެހިންގެ ނިވަލުގައި ތިބެގެން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގާނޫނީ އޮނިގަނޑަށް ބަދަލުތަކެއް ގެނެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކާއެކު ބިދޭސީން ގެނެސް އިހުމާލުވާ ފަރާތްތަކުން ބިދޭސީއެއްގެ ބޮލަކަށް ފަންސާސް ހާސް ރުފިޔާއިން ޖޫރިމާނާ ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިން ކުރަމުންދިޔަ މަސައްކަތްތަކުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ނެރެވި، އެ މަސައްކަތްތަކަށް ދިވެހިން އަލުން ނުކުންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

1980ގެ އަހަރުތަކުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ބިދޭސީންގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާފައިނުވާކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން އިސްކަންދީގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 295،000 ބިދޭސީން ރެކޯޑް ކުރެވިފައިވީ ނަމަވެސް، ކާކުކަން ދެނެގަނެވިފައިވަނީ އެންމެ 22،000 މީހުންނެވެ. ނަމަވެސް، ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތުން 260،000 މީހުން ކަށަވަރުކުރެވި، މިހާރު ބަޔޯމެޓްރިކްސް ނުނެގި ތިބީ އެންމެ އެއް އިންސައްތަ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީ އާބާދީގެ ބަޔޯމެޓްރިކްސް ނުނެގޭ މީހުންގެ އަދަދު އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އެކަންޏެވެ.










ކިޔުންތެރިންގެ ހިޔާލު