ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެގެން ފުރުވާލަން ގެންދިއުމުން، އަމިއްލަ ޕާސްޕޯޓް ވީދާލި ބަންގްލަދޭޝް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޝޭޚް އެމްޑީ މަސުމް ލަތިފްއެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާގޮތުން، އޭނާއަކީ އިމިގްރޭޝަންގެ ގާނޫނުތަކާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ މީހެކެވެ. އަދި އޭނާ ޑީޕޯޓްކޮށްލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށުން ގެންގޮސް އެއާޕޯޓުގެ ހޯލްޑިން ސެލްގައި ބަހައްޓާފައި ހުއްޓައި، އޭނާ ވަނީ ޕާސްޕޯޓު ވީދާލައި ގެއްލުން ދީފައެވެ.

އިޝްތިހާރު އިޝްތިހާރު

ހައްޔަރުކުރުމަށްފަހު އޭނާގެ ފަރާތުން ފެނުނު ބައެއް އަމަލުތަކުގެ ސަބަބުން، އޭނާއަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއްތޯ ބެލުމަށް ސައިކޮލޮޖިކަލް އެސެސްމަންޓެއް ހަދާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލާއިރު، އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތަހުގީގު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.