މ. ނާލާފުށީގައި ތަރައްގީކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ކޮންކްރީޓް ތަނބުތަކުގެ މަސައްކަތް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ 4.61 މިލިއަން 240 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 546 މީހުންގެ އާބާދީއެއް އޮންނަ ނާލާފުށީގައި މި ސެންޓަރު އިމާރާތްކޮށް ނިމުމުން، ރަށުގެ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ރަށުގެ އައުޓްޑޯ ޖިމަކީ ހާމަތަނަކަށް ވުމުން އައުޓްޑޯ ޖިމް ބޭނުންކުރަން ޖެހިލުންވާ ފަރާތްތަކަށް މި ސެންޓަރުގެ ސަބަބުން ފުރިހަމަ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ޒުވާނުންނަށް ކުޅިވަރު ކުޅުމަށާއި ހުސްވަގުތު ހޭދަކޮށްލުމަށް ހާއްސަ އެކަށީގެންވާ މާހައުލެއް ގާއިމުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.










ކިޔުންތެރިންގެ ހިޔާލު