މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 26 އަހަރުގެ އަންހެން މީހާގެ ހާލަތު ވަރަށް ނާޒުކުވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.
21 ވަނަ ދުވަހުގެ ރޭ ދަންވަރު 1:13 ހާއިރު ހިނގި މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ އަންހެން މީހާގެ އިތުރުން އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ހިމެނެއެވެ.
އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސްއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފުސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި އަންހެން މީހާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު އޭނާގެ ބޮލުން ވަރަށް ގިނައިން ލޭ ފައިބަމުންދިޔައެވެ. އަދި އެ ވަގުތު އޭނާގެ އެއްވެސް ހަރަކާތެއް ނެތްއިރު، އަނެއް ދެ ފިރިހެނުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ތަން ފެނެއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 2,100 އަށްވުރެ ގިނަ އެކްސިޑެންޓު ވަނީ ރިޕޯޓުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު