ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ވެސްޓް ޕާކު ސަރަހައްދުން މަގުގެ އެއް ފަޅި މިރޭ ބަންދުކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 ގައި އެ ސަރަހައްދުގެ މަގު ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިދިޔަ އަހަރު އޮގަސްޓުގައި ފެށި މަސައްކަތުގައި މަސް މާރުކޭޓާ ހިސާބުން ޖުމްހޫރީ މައިދާނުގެ މެދާ ދެމެދު އެއްގަމު ތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް ފުޅާކޮށް ތާރު އަޅައިފައިވެއެވެ. ދެވަނަ ފިޔަވަހީގައި މަސް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ވެސް މަގު ފުޅާކޮށްފައިވެއެވެ.

މީގެ އިތުރުން ޖުމްހޫރީ މައިދާނުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއާ ހިސާބަށް ވަނީ މަގު ތަރައްގީކޮށް ތާރު އަޅާފައި އެވެ. އެ ޕްރޮޖެކްޓުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތިން އިތުރު ބައެއް ހިއްކައި ބޮޑު ޕާކިން ޒޯނެއް ވަނީ ހަދާފައިއެވެ.










ކިޔުންތެރިންގެ ހިޔާލު