ބިލެތްފަހީ ސްކޫލްގެ ކްލާސްރޫމްތަކާއި މަލްޓިޕާލަސް ހޯލްގެ މަސައްކަތް ހުއްޓުމެއް ނެތި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ބިލެތްފަހީ ސްކޫލުގައި އިމާރާތް ކުރަމުންދާ ހަތަރު ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ ފުރަތަމަ ފްލޯގެ ސްލެބް ޝަޓަރިންގާއި ބާ ބެންޑިންގ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއަކީ އެ ސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދީ، ކިޔަވައިދިނުމަށް އެކަށީގެންވާ ޒަމާނީ މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިމާރާތް ކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، ކޮންކްރީޓް އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހައި ތައްޔާރީތައް ސައިޓުގައި ދަނީ ބާރަށް ކުރިއަށެވެ.
މި އިމާރާތުގެ މަސައްކަތް މުޅިން ނިމުމުން، ސްކޫލުގެ ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާވެ، އެކި އިތުރު ހަރަކާތްތައް ބޭއްވުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި މަޝްރޫއަކީ ތައުލީމީ އުމްރާނީ ވަސީލަތްތައް ހަރުދަނާކޮށް، ދަރިވަރުންނަށް ފަހި އުނގެނުމުގެ މާހައުލެއް ގާއިމުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ގާތްގަނޑަކަށް 143 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ބިލެތްފަހީ ސްކޫލުގެ ޖާގައިގެ ދަތިކަން މި މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑަށް ހައްލުވެގެންދާނެއެވެ.
ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއު އެންމެ ފުރަތަމަ 22 އޮގަސްޓް 2022 ގައި 17.3 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނީ އެވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަސައްކަތް ފަހުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު