ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އާ އިމާރާތް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ ކުޑަފަރީގެ ރައްޔިތުންނަށް ލިބޭ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެކަށީގެންވާ ޖާގައާއި ވަސީލަތްތައް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 20 ޖުލައި 2025 ގައެވެ. މިނިސްޓްރީ އޮފް ހެލްތާއި އެމްޓީސީސީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި މަޝްރޫޢުގެ ޖުމްލަ އަގަކީ 27.6 މިލިއަން ރުފިޔާއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ. މަޝްރޫޢުގެ ދަށުން ސިއްޙީ މަރުކަޒަށް ބޭނުންވާ ޒަމާނީ އިމާރާތެއް ބިނާކޮށް، ޚިދުމަތް ދިނުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ނިމުމުން ކުޑަފަރީގައި ސިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ރަށުގައި ދެވޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ.