ފުވައްމުލަކު ބޭރަށް މިއަދު ހެނދުނު ޑައިވިންއަށް ފޭބި ކަޒަކިސްތާނުގެ ފަންސާސް ހަތަރު އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފުވައްމުލައް ސެންޓްރަލް ޑައިވްއިން ކުރިއަށް ގެންދިޔަ ޓެކްނިކަލް ޑައިވެއްގެ ތެރެއިން ގާތްގަނޑަކަށް ނުވަދިހަ މީޓަރު އަޑިއަށް ގޮސް އުޅެނިކޮށެވެ. ކަނޑުއަޑީގައި ހަރަކާތް ހުސްވެފައި ވަނިކޮށް އެ މީހާ ނަގައިގެން މިއަދު ހެނދުނު ނުވައެއް ޖެހިފަހުން ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން މިއަދު ހެނދުނު ނުވައެއް ފަނަރަ ކަންހާއިރު ރިޕޯޓު ލިބިފައިވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

މިޔަރު ބަލަން ޑައިވިންއަށް މަޝްހޫރު ފުވައްމުލަކުގައި ޑައިވިންއަށް ގޮސް އުޅުމުގެ ތެރޭގައި އެކިއެކި ހާދިސާތައް ހިނގި ނަމަވެސް، މިފަހަކަށް އައިސް ގެނބިގެން ފަތުރުވެރިއަކު މަރުވި ހާދިސާއެއް ހިނގާފައެއް ނުވެއެވެ.
ގިނަ އަދަދެއްގެ ފަތުރުވެރިން ޑައިވްކުރާ އެ ރަށުގައި ޑީކޮމްޕްރެޝަން ޗެމްބަރެއް ގާއިމުކޮށްދިނުމަށް އެ ރަށުގެ ޑައިވް ސެންޓަރުތަކުން ސަރުކާރުގައި އެދެމުންދާއިރު، އެފަދަ ޗެމްބަރެއް ގާއިމުކޮށްދެއްވާނެ ކަމަށް މި ސަރުކާރުންވެސް ވަނީ ވައުދުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު