ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ވައިސް ޕްރެސިޑެންޓް ޖޮހާނަސް ޒުޓް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ހެނދުނު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި، ވޯލްޑް ބޭންކުގެ ފަރާތުން ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަނާއި ހަކަތައިގެ ދާއިރާ ތަރައްގީކުރުން ހިމެނޭހެން، ސަރުކާރުން ހާއްސަ އިސްކަމެއްދެއްވާ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގުޅުންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގައި ހާއްސަ އިސްކަމެއް ދެއްވައިގެން އަލިއަޅުއްވާލެއްވީ، ރާއްޖެއަށް އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، އަގުހެޔޮ، އިތުބާރުހުރި، އަދި ދެމެހެއްޓެނިވި ހަކަތައިގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.
ހަމައެއާއެކު، ސިއްހީ ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، ގައުމުގެ ދިގުމުއްދަތުގެ ތަރައްގީއަށް ރިއާޔަތްކޮށް، ދެމެހެއްޓެނިވި އަދި ހަރަދު ކުޑަ އުސޫލުތަކެއްގެ ދަށުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ހިއްސާ އިތުރުކުރުމުގެ ބޭނުންތެރިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވޯލްޑް ބޭންކުގެ ރީޖަނަލް ވައިސް ޕްރެސިޑެންޓް ޖޮހާނަސް ޒުޓް ވަނީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެއްބާރުލުން ދެއްވުމުގައި ވޯލްޑް ބޭންކު އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު