ޒުވާނުން ސިޔާސީ ކަންކަމާ ދުރަށް ދަނީ އެއީ ހަޑި އެއްޗެއްގެ ގޮތުގައި ދެކޭތީ ކަމަށާއި، ނަމަވެސް ގައުމު އިސްކޮށްގެން ކުރާ ސިޔާސީ މަސައްކަތަކީ ވަރަށް ސާފުތާހިރު ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ ކޮންގްރެސް 2026 ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތަކީ އެއްވެސް ގޮތެއްގައި އެކަމުގައި ނުރަނގަޅު ކަންކަން ހުރުން ނޫން ކަމަށާއި، އަދުގެ ޒުވާނުންނަށް ސިޔާސީ ހަރަކާތްތަކަކީ ނުރަނގަޅު އެއްޗެއްގެ ގޮތުގައި ވިސްނިފައި އޮތުމަކީ ބަދަލުކުރަންޖެހޭ ކަމެކެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ގައުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެކަން ރަނގަޅު ގޮތުގައި ކުރެވޭނީ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ އޮއެވަރުގައި އިދިކޮޅު ޕާޓީތަކުން އަނެއް ޕާޓީއަށް ގެއްލުން ދިނުމުގެ ގޮތުން ބައެއް ފަހަރު ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ އެ މީހުން ގަސްތުގައި ކުރާ ކަމެއް ކަމަށް ގަބޫލުކުރައްވަން ބޭނުންފުޅުނުވާ ކަމަށާއި، އެންމެންނަކީވެސް ދިވެހިން ކަމަށްވާތީ ގައުމީ ވިސްނުން އިސްކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވީ ނަމަވެސް އެންމެންނަކީވެސް ދިވެހިންކަން ހަނދާންކުރުމަށް އެދިވަޑައިގެންފައެވެ. އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު އުޖާލާކުރެވޭނީ ގައުމު އިސްކޮށްގެން ކަމަށާއި، ސިޔާސީ ޕާޓީތައް އަންނަންޖެހޭނީ ގައުމުގެ ފަހަތަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށްޓަކައި އެކަކު ނުވަތަ ވަކި ޕާޓީއަކުން އެކަނި މަސައްކަތް ކޮށްގެން ހައްލެއް ނުލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ގައުމީ އިހްތިރާމް އަދާކުރުމުގެ ކެމްޕެއިން ފަދަ ގައުމީ ކަންކަމުގައި ސިޔާސީ ޕާޓީތަކުން އެކުގައި ބައިވެރިވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާ ކަމަށެވެ. ސިޔާސީ ސަބަބުތަކަށްޓަކައި އެއްވެސް ލީޑަރަކު ޖަލަށް ލާފައި ނުވާނެ ކަމަށާއި، ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމައަށް ލިބިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު