ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ބައްދަލްވުމުގައި މާދަމާ ޕާޓީގެ އިސް މަޤާމުތަކަށް ބޭފުޅުން އިންތިޚާބު ކުރާއިރު އިންތިޚާބަށް ފަހު އެއްވެސް ކަހަލަ ބައިބައިވުމެއް އައުމުގެ ފުރުސަތު ނުދެއްވުމަށް ހުރިހާ މެންބަރުންގެ ކިބައިން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.

އެކަމަށް އެދިވަޑައިގެން އެ އިލްތިމާސް، ރައީސުލްޖުމްހޫރިއްޔާ ކުރެއްވީ ކޮންގްރެސް މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބައެއް ތިބޭނެ ކަމަށެވެ.

ކޮންގްރެސް ޕާޓީގެ ހުރިހާ މެންބަރުންގެ ވެސް އޮތީ އިޚްލާސްތެރިކަންކަން ފާހަގަ ކުރައްވާ ރައީސް ވަނީ އިންތިޚާބަށް ފަހުކާމިޔާބުވީ މީހުންނާއި ނާކާމިޔާބުވީ މީހުން ސަލާންގަލާންކޮށްލާފައި ކުރިއަށް ދިއުން އެންމެ ރީތި މިސާލު ކަމަށް ވިދާޅުވެފަ އެވެ. އެ މިސާލު މެންބަރުންގެ ކިބައިން ފެންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.

އިޝްތިހާރު އިޝްތިހާރު

"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ މުޅި ކޮންގްރެސް އިން ފެންނަމުންދަނީ ރީތި މިސާލަކާއި ނަމޫނާއެއް ކަމަށެވެ. އެ މިސާލާއި ނަމޫނާ މުޅި ކޮންގްރެސްގެ ހުރިހާ ކަމަކުން ދައްކައިދިނުމަށް އެދިވަޑައިގަތެވެ.

ކޮންގްރެސްގައި އިންތިހާބު ކުރުމަށް ޕާޓީގެ އަސާސީގެ ގަވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވެއެވެ.

އެގޮތުން ބައެއް މަގާމުތަކަށް ވަރަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް އަށް ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ:

* އަސްމާ ރަޝީދު
* މުހައްމަދު ހުސައިން ޝަރީފް
* އަބްދުﷲ ރާފިއު
* އަހުމަދު ޝިޔާމް
* އިބްރާހިމް ޝުޖާއު
* ފާތިމަތު ސައުދާ
* މުހައްމަދު ނިމާލް
* މުހައްމަދު ސައީދު

ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އަންހެން މެންބަރުކަމުގެ 10 މަގާމަށް 22 މެންބަރަކު ކުރިމަތިލާފައިވާއިރު މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަގާމަށް 13 މެންބަރަކު ކުރިމަތިލާފައިވެއެވެ.

މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ކުރިމަތިލާފައިވެއެވެ. ނުވަ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ.

ޕީއެންސީގެ ބައެއް މަގާމުތަކަށް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން އެ މެމްބަރުންނަށް އެ މަގާމުތައް ވަނީ ކަށަވަރުވެފައެވެ