ޕީޕުލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަމާޒަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްވުރެ ފަސޭހަކަމާއެކު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ ފުރަތަމަ މަތީ މަޖިލިސް ބޭއްވިއިރު ތިބީ 3،000 މެންބަރުން ކަމަށާއި، ނަމަވެސް މިހާރު މެންބަރުންގެ އަދަދު 80،000 އާ ގާތްކޮށްފައިވާ ކަމަށެވެ. މިއީ ޕާޓީގައި އޮތް ދިރިހުރި ޖޯޝުގެ ސަބަބުން ހާސިލުކުރެވުނު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވި މައިގަނޑު ސަބަބަކީ ޕީއެންސީން ގައުމާއި ދިވެހިން އިސްކުރުމެވެ. އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ނެރުއްވަން ހުންނެވި ލީޑަރަކީ ވަތަނީ ލީޑަރަކަށް ވުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއާއި ކުރިއެރުން ގުޅިފައިވަނީ ޕީއެންސީއާ ކަމަށާއި، ރައްޔިތުން އެދޭ އަމާންކަން ގެނެސްދެވޭނީ ރައީސް މުއިއްޒުގެ ގިޔާދަތުގެ ދަށުން އެ ޕާޓީ ދެވަނަ ދައުރަކަށް އިންތިހާބުވެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ގައުމީ މިނިވަންކަމާއި އަމިއްލަ ބާރުގައި ދިވެހީންގެ ދިވެހިރާއްޖެއެއް ބިނާކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް އިތުރު ފުރުސަތު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދޭނީ މަދުވެގެން 10 އަހަރު އެއް ވެރިއަކު ވެރިކަމުގައި ހުރެގެން ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. އެހެންކަމުން މަތީ މަޖިލިސް ނިންމާލަންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ސާބިތު އަޒުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު