ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަންގާރަ ދުވަހު މިސްރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މުހައްމަދު ބިން ސަލްމާންގެ މި ދަތުރުފުޅުގައި މިސްރުގެ ރައީސް އަބްދުއްފައްތާހް އައްސީސީއާ ބައްދަލު ކުރައްވައި، ދެ ލީޑަރުންގެ މެދުގައި ބައިލެޓަރަލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަންކަމުގެ ތެރޭގައި ސަރަހައްދީ ތަރައްގީއާއި، އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތައް ހިމެނޭ ކަމަށް މިސްރުގެ ރައީސްގެ އޮފީހުން ބުނެފައި ވެއެވެ.
ސައުދީ ވަލީއަހުދު މިސްރަށް މިވަޑައިގަންނަވަނީ، ޔަމަނުގައި އޮންނަ ސައުދީ އަރަބިއްޔާ ތާއީދުކުރާ ސަރުކާރުގެ ފައުޖުތަކާއި، ހޫޘީންނާ ދެމެދު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ވަގުތެއްގައެވެ.

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި، ހޫޘީންނާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު، ހޫޘީންވަނީ ރަތްކަނޑުގެ އައްސޭރިފަށް ހިފައި، ބާބުލް މަންދަބުގެ ކޮންޓްރޯލް އިތުރަށް ވަރުގަދަ ކޮށްފައެވެ.
ޔަމަނުގެ ބޮޑުބައެއްގައި ވެރިކަންކުރާ ހޫޘީން ސައުދީ އަރަބިއްޔާގެ ހަކަތައިގެ ތަންތަނަށްވެސް ވައިގެ ހަމަލާތައް ދެމުންގެންދިއުމާ ގުޅިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިއަދުވަނީ ޖިއްދާގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ކޮމާންޑަރ އެޑްމިރަލް ބްރެޑް ކޯޕަރއާ ބައްދަލު ކުރައްވާފައެވެ.
މުހައްމަދު ބިން ސަލްމާން މިސްރަށް ކުރައްވާ ދަތުރުފުޅުގައިވެސް، ހޫޘީންނާ ކުރިމަތިލުމުގައި މިސްރުގެ އެހީތެރިކަމަށް އެދިވަޑައި ގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.










ކިޔުންތެރިންގެ ހިޔާލު