މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމުގެ މުހިންމު މަގުސަދުގައި ހުޅުމާލެ ޓްރެފިކް ފުލުހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ސުކޫލު ކޮމިޔުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައިވަނީ ހުޅުމާލޭ ރެހެންދި ސުކޫލު ހިމެނޭ ސަރަހައްދުގައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ސުކޫލުގެ ދެ ސެޝަންގެ ކިޔެވުން ފެށުނު ވަގުތާއި، ކިޔެވުން ނިމުނު، ސުކޫލު ސަރަހައްދުގެ ބާރުބޮޑު ގަޑިތަކާ ދިމާކޮށެވެ.

މި ހަރަކާތުގައި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ މެސެޖުތައް ސްޕީކަރުތަކުންނާއި މައިކު ބޭނުންކޮށްގެން ދިޔައީ އަޑުއިއްވަމުންނެވެ. އޭގެ އިތުރުން، ދުއްވާ މީހުންނާއި ހިނގާބިގާވެ އުޅޭ މީހުން ހޭލުންތެރިވާންޖެހޭ ކަންކަމުގެ އިރުޝާދުތައް ހިމެނޭ، އަމާންކަމުގެ މެސެޖުބޯޑުތައް ހިފައިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ.

އިޝްތިހާރު އިޝްތިހާރު

މި ހަރަކާތުގައި، ރެހެންދި ސުކޫލުގެ ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވެފައިވާ ދަރިވަރުންނާއި، އެ ސުކޫލުގެ ޕްރިންސިޕަލް ވެސް ފުލުހުންނާއެކު މަގުމަތީގެ އަމަލީ މަސައްކަތުގައި ބައިވެރިވެލެއްވިއެވެ.

މިފަދަ ބޭނުންތެރި ހަރަކާތްތަކުގެ ސަބަބުން، ސުކޫލު ގަޑިތަކުގައި މަގުމަތީގައި އުފެދޭ ތޮއްޖެހުން ކުޑަވެ، މުޅި ސުކޫލު މާހައުލަށާއި ބެލެނިވެރިންނަށް އަމާން އަދި ރައްކާތެރި ވެއްޓެއް ލިބިގެންދާނެއެވެ.

އެކްސިޑެންޓްތައް މަދުކުރުމަށާއި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލެ ޓްރެފިކް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.