ހުޅުމާލޭ ދުވާރު މަތީގައާއި ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކު ނުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިގޮތަށް އުޅަނދު ޕާކުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ކަމަކަށް ވާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް އެންމެހައި ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން މިގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، މަގުމަތީގެ އުސޫލުތަކާއި ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާމެދު ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މިފަދަ ފިޔަވަޅުތައް އެޅުމުގެ މަގުސަދަކީ މަގުތަކަކީ، އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުންކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަކީވެސް މިކަމުގެ މަގުސަދެއްކަމަށް ވިދާޅުވިއެވެ.