ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ މަޤާުމުތަކަށް ކުރިމަތިލާފައިވާ މެންބަރުންގެ މަޢުލޫމާތު މިރޭ އާންމުކޮށްފި އެވެ.

އެ ޕާޓީީން ބުނީ މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި އިންތިޚާބު ކުރުމަށް ޕާޓީގެ އަސާސީގެ ޤަވާއިދުގައި ބުނާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ ޕާޓީން ވަނީ އެ މެންބަރުންގެ ނަންތައް ތަރުތީބު ކުރުމަށް ފަހު އެ ތަފްސީލު ހާމަކޮށްފަ އެވެ. އެގޮތުން ބައެއް މަޤާމުތަކަށް ވަރަށް ބޮޑު ވާދަވެރި ކަމެއް އެބަ އޮތެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަޤާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ. އެއީ:

އިޝްތިހާރު އިޝްތިހާރު

* އަސްމާ ރަޝީދު
* މުޙައްމަދު ހުސައިން ޝަރީފް
* އަބްދުﷲ ރާފިޢު
* އަޙްމަދު ޝިޔާމް
* އިބްރާހިމް ޝުޖާޢު
* ފާތިމަތު ސަޢުދާ
* މުޙައްމަދު ނިމާލް
* މުޙައްމަދު ސަޢީދު

ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ އަންހެން މެންބަރުކަމުގެ 10 މަޤާމަށް 22 މެންބަރަކު ވަނީ ކުރިމަތިލާފަ އެވެ. އަދި މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަޤާމަށް 13 މެންބަރަކު ކުރިމަތިލާފައިވެ އެވެ.

މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ އާންމު މެންބަރުންގެ 18 މަޤާމަށް 73 މެންބަރުން ވަނީ ކުރިމަތިލާފަ އެވެ. ނުވަ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަން ޖެހޭ އަދަދަށެވެ.

އެ ޕާޓީން ބުނީ ނަން ގެންދަން ބޭނުންވާ މެންބަރުންނަށް ފުރުސަތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.