ރާއްޖޭގައި މިވަގުތު 322 ހާފިޡުން ތިބި ކަމަށް އިސްލާމީކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު މި ދައުރުގެ ތެރޭގައި 500 އަށް އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް ޢަލީ ސަޢީދު ވަނީ ރާއްޖޭގެ ހާފިޡުން އިތުރުވަމުން ދާ ކަމީ އުފާވެރި ކަމެއްކަން ފާހަގަކޮށް މިދައިރާއިން ޒުވާނުންގެ އަދަދު އިތުރުވަމުންދިއުމާއެކު ޒުވާނުން ޤުރްއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަޤްބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. މި ވަގުތާ ހަމައަށް ރާއްޖޭގެ ހާފިޡުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ ރޯދަ މަހު، ގިނަ އަދަދެއްގެ ހާފިޡުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހާފިޡުންނަށް ހިއްވަރު ދިނުމުގެ ގޮތުން ހާފިޡުންނަށް ދައުލަތުން ދޭ އިނާޔަތް ސަރުކާރުން މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައްވަނީ އިތުރަށް ފުޅާކޮށްފައިވެއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވީ މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތު ދަސްކުރަމުންދާ ކަމަށެވެ. އަދި އެންމެ ގިނަ ދަރިވަރުން ދަސްކުރަމުންދަނީ ޤުރުއާނާ ބެހޭ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިހާ ރަށަކަށް ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް ޢަމަލީ ގޮތުން ހިންގަން ފަށާފައިވާ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށްދާ ކަމަށާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫޢު ފޯރުކޮށްދިނުން ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ ރަށް ރަށުގައި ހިންގާ ޤުރްއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ޤުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް އިތުރުކުރަމުންދާކަން ހާމަކުރައްވާފައެވެ.
ރާއްޖޭގައި ހާފިޡުންގެ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއް ބެއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސައުދީ ސަރުކާރުގައި ދިވެހި ސަރުކާރުން ވަނީ ދަންނަވާފައެވެ.










ކިޔުންތެރިންގެ ހިޔާލު