ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމުމަކަށް އައީ ބޮޑާކަމާއި ކިބުރުވެރިކަމުގެ އިތުރުން އަނބިކަނބަލުންގެ ދަށުވުމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި، މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާހު އަދި އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ނާންނަ ކަމަށާއި، ނިމިގެންދިޔައީ ރައީސް ޔާމީނުގެ ވެރިކަން ކަމަށެވެ. އަދި އެ ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމުނުކުރުމާއި، އަނިޔާވެރިކަމާއި، ޚިޔާނާތްތެރިވުމާއި، އަދި ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލުމުގެ ސަބަބުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންޞާފު ޤާއިމުނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ޚިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ. ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމަ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގައި ތިއްބެވި އެއްވެސް ބޭފުޅަކު އެމަނިކުފާނުގެ ސަރުކާރަކަށް ބަލައިނުގަންނާނެ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، މިއަދު ރައީސް ޔާމީންގެ ސަރުކާރެއް ނެތް ކަމަށާއި ރައްޔިތުން އެމަނިކުފާނު ބަލައިނުގަންނަ ކަމަށެވެ.
އަދި ފަލާހާއި އަބްދުއްރަހީމަށް ވޯޓުދޭނެ ބަޔަކު ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މިއަދު އެ ބޭފުޅުން މަގާމުތަކުގައި ތިއްބެވީ ރައްޔިތުން ވޯޓު ދީގެން ކަމަށާއި، ރައީސް ޔާމީނަށް ގޭގައި އިންނަވަން ޖެހިވަޑައިގަތީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ނުދިނުމުން ކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު