ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ސިންގަޕޫރުގައި ކުރިއަށްދާ “ސީފުޑް އެކްސްޕޯ އެޝިއާ 2026” ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ބައިވެރިވެއްޖެއެވެ. މި މައުރަޒު ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 2 އިން 4 އަށެވެ.
ސީފުޑް އެކްސްޕޯ އެޝިއާ 2026 ގެ 14 ވަނަ އެޑިޝަން ޖެހިޖެހިގެން ހަތަރުވަނަ އަހަރަށް ސިންގަޕޫރުގައި ބޭއްވިގެންދިޔައިރު، މިފަހަރުގެ މައުރަޒާއެކު، ސީފުޑް ޕްރޮސެސިންގ އިކުއިޕްމަންޓާއި، ޕެކޭޖިންގ އީޖާދުތަކާއި، އެކުއާކަލްޗަރ ހައްލުތަކަށް ޚާއްޞަ “ސީފުޑް ޕްރޮސެސިންގ އެޝިއާ” ވެސް ކުރިއަށްދިޔައެވެ.
މި މައުރަޒުގައި ސަރަޙައްދީ ސީފުޑް ސަޕްލަޔަރުންނާއި، ރީޓޭލްޗެއިންތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ އިތުރުން ސަޕްލައިކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ. މިއީ ސިންގަޕޫރާއި ދެކުނު އެޝިއާގެ މަހުގެ އެންމެ އިސް އުފެއްދުންތައް ގަންނަ ފަރާތްތައް އެއް ތަނަކުން ބައްދަލުކުރުމަށް ބައިވެރިންނަށް ލިބުނު ވަރަށް ފަހި ފުރުޞަތެއް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މި މައުރަޒުގައި ބައިވެރިވީ ކަށަވަރުކުރެވިފައިވާ އެކްޓިވް ބަޔަރުންގެ ލިސްޓަކަށް ބަލައިގެން ކަމަށްވުމުން، އާންމުކޮށް ޒިޔާރަތްކުރާ މީހުންގެ ބަދަލުގައި ސީދާ ޚިދުމަތް ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިގެންދާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި ދިވެހި ކަނޑުމަސް ބައިނަލްއަޤްވާމީ މާކެޓަށް އެކްސްޕޯޓްކުރުމަށް އުފައްދާފައިވާ ކުންފުންޏެއްގެ ގޮތުން، އެޝިއާ ސަރަޙައްދުގެ ސީފުޑް އުފެއްދުންތައް ބާޒާރަށް ނެރެ، އިސްތިހާރުކޮށް، ވިއްކާ ގޮތް ދެނެގަތުމަށްވެސް މި އެކްސްޕޯއަކީ މުހިންމު މަންސައަކަށް ވެގެންދިޔަކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ވަނީ މައުރަޒުގައި އެކުންފުނިން ބައިވެރިވުމަށް ނިންމި މަޤްޞަދުތައް ފުރިހަމައަށް ހާސިލްވިކަމަށް ވިދާޅުވެފައެވެ.
ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ގަނެވިއްކާ ފަރާތްތަކަށް ދަޅު މަހާއި ޕައުޗް މާސް ސަޕްލައިކުރުމަށް އެކަށީގެންވާ ފުރުޞަތުތަކެއް ހޯދިފައިވާކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އެކްސްޕޯޓް ވިޔަފާރި ފުޅާކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރުތަކެކަށް ވާނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.
މި މައުރަޒުގެ ސަބަބުން މިފްކޯއަށް މުހިންމު މާކެޓް ރިސަރޗް މަޢުލޫމާތުތަކެއްވެސް ލިބުނުކަމަށް އެކުންފުނިން ވިދާޅުވިއެވެ. މީގެ ތެރޭގައި ވާދަވެރި ޤައުމުތަކުން ސީފުޑް އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ އަގުތަކާއި، ޕެކޭޖިންގ އަދި ޕްރޮމޯޝަނަލް ސްޓްރެޓެޖީތައް ގާތުން ބަލާލުމުގެ ފުރުޞަތު ލިބި، ދިވެހި ކަނޑުމަސް ބައިނަލްއަޤްވާމީގޮތުން އިސްތިހާރުކުރުމަށް މިފްކޯއިން ގެންގުޅޭ އުޞޫލުތައް އިތުރަށް ހަރުދަނާކުރުމަށް މިކަމުން އެހީތެރިވެދޭނެކަމަށް މިފްކޯއިން ފާހަގަކުރެއެވެ.
ސީފުޑް އެކްސްޕޯ އެޝިއާއަކީ ސަރަޙައްދުގެ އެންމެ މަތީ ފަންތީގެ ސީފުޑް ޓްރޭޑް މަންސަ ގޮތުގައި ކުރިއަރަމުންދާ މައުރަޒެކެވެ.










ކިޔުންތެރިންގެ ހިޔާލު