މާލޭގެ މަގުމަތިން ކެނަބިސް ފެނުނު މައްސަލައެއްގައި ރ. އިނގުރައިދޫ، ލެގޫންވިއު، ޝަމްއާން އަބްދުއްޝަކޫރު ސާދަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 50,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މާލެ ތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ޝަމްއާންގެ އަމަލުތައް ހުރި ގޮތުން ގާނޫނާއި ގަވާއިދާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން، އޭނާ ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރޭގައި ލައިގެން ހުރި ޖިންސްގެ ޖީބުން ކެނަބިސް ފެނުމާ ގުޅިގެން ދައުލަތުން އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައވާއެކެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ޝަމްއާން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފައެވެ.

އޭނާ އިއުތިރާފުގެ އެއްބަސްވުން އެކުލަވާލަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، މަގުމަތިން ހިނގާފައި ދިޔައިރު އޭނާގެ ޖީބުގައި ހުރި މަސްތުވާތަކެއްޗަކީ ބުއިމަށާއި ވިއްކުމަށް ގެންގުޅުނު ތަކެތި ކަމަށްވާތީއާއި، އަތުގައި އޮތް ކައްޓާއަކީ އެ ތަކެތި ވިއްކުމުގެ ގޮތުން ކިރުމަށް ބޭނުންކުރުމަށް ގެންދިޔަ އެއްޗެއް ކަމަށްވާތީއެވެ.
އަމިއްލަ އިއުތިރާފުން ކެނަބިސް ޓްރެފިކް ކޮށްފައިވާކަން ސާބިތުވުމާ ގުޅިގެން ކޯޓުން ވަނީ އޭނާ 14 އަހަރަށް ޖަލަށް ލުމުގެ އިތުރުން ކުރި 50,000 ރުފިޔާގެ ޖޫރިމަނާ ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި މޯލްޑީވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައިފައެވެ.










ކިޔުންތެރިންގެ ހިޔާލު