އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސްއަށް ބޭނުންވާ ޕެރަޝޫޓް ޖަމްޕް ޓްރޭނިންގ ދިވެހިރާއްޖޭގައި ފުރިހަމަކުރެވޭނެ މަގުފަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތްތަކާ ބެހޭ ވަޒީރު ޙަސަން ރަޝީދު އައިލެންޑް އޭވިއޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފްގެ އެއަރބޯން ތަމްރީންތަކާއި ޚާއްސަ އޮޕަރޭޝަންތަކަށް ބޭނުންވާ ވައިގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، އައިލެންޑް އޭވިއޭޝަނާ ގުޅިގެން ރާއްޖޭގެ ވައިގެ ސަރަޙައްދުގައި ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށާއި، އެއަރބޯން އޮޕަރޭޝަންތަކަށް ބޭނުންވާ އައު ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުކުރެއްވުމެއް ކަމަށް ދިފާޢީ ވުޒާރާއިން ބުންޏެވެ.

އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއަކީ 2009 ވަނަ އަހަރު އިފްތިތާހްކުރި ޚިދުމަތެކެވެ. އެއީ ޚާއްސަ އޮޕަރޭޝަންތަކާއި ކައުންޓަރ ޓެރަރިޒަމް އަދި ރެސްކިއު މިޝަންތައް ހިންގުމަށް ތަމްރީނުކުރެވިފައިވާ އެލީޓް ޔުނިޓެކެވެ. މި ޔުނިޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ނުރައްކާތެރި ހާލަތްތަކުގައި ރަހީނުން ސަލާމަތްކުރުމާއި އެއްގަމާއި، ކަނޑާއި، އަދި ވައިގެ މަގުން ހިންގަންޖެހޭ އެންމެ ނުރައްކާތެރި ސާޖިކަލް އޮޕަރޭޝަންތައް ހިމެނެއެވެ.
މީގެ ކުރިން މަތިންދާ ބޯޓުން ފުންމާލުމުގެ އަސާސީ އަދި ކުރިއަރާފައިވާ ތަމްރީނުތައް ދިވެހި ސިފައިން ފުރިހަމަކުރަމުން ދިޔައީ ބޭރުގެ އެކުވެރި ގައުމުތަކުގެ އަސްކަރިއްޔާތަކާ ގުޅިގެންނެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ދިވެހި އަސްކަރިއްޔާ އިތުރަށް ބާރުވެރިކޮށް ދިވެހީން އަމިއްލައަށް ދިވެހީންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ރައީސްގެ ވައުދެފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް “އެއަރ ކޯ” ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެންގޮސްފައެވެ.










ކިޔުންތެރިންގެ ހިޔާލު