ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓްސައިޒް ކުރާއިރު މުވައްޒަފުން މަދުކުރަމުންދަނީ ހާއްސަ ރިޑަންޑަންސީ ޕްލޭނެއްގެ ދަށުން ކަމަށް މާލީ ކަންކަމާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރި ނަމަވެސް، އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި، ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުން މުވައްޒަފުން މަދުކުރަނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އެގޮތުން، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް، އެ ފަރާތްތަކުން ޚިދުމަތްކޮށްދީފައިވާ މުއްދަތަށް ބަލައި ހައްގުވާ ރިޑަންޑަންސީ ޕެކޭޖު ފޯރުކޮށްދެމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

“އެއް ކަމަކީ އަޅުގަނޑުމެން ރިޑަންޑެންސީ ޕެކޭޖުގެ ތެރޭގައި އެބަ ދެން އެ މީހަކު ވަޒީފާއަދާކުރި މުއްދަތަށް ބަލާފައި، އެ މީހަކަށް އެބަ ދެން ރިޑަންޑެންސީ ޕެކޭޖެއް. އޭގެ އިތުރަށް އަޅުގަނޑުމެން މި ރައިޓްސައިޒިންގ ރާވާފައި މި އޮތީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫނ.ް އެ މީހަކަށް ވެސް ފުރުޞަތުތައް ލިބޭނެ ގޮތަށް. އެގޮތުން މީހާރު މި ވަނީ ކުމެވި ކިޔާ ފަންޑެއް އުފެއްދިފައި. އެއީ ކުދި ވިޔަފާރިތަކަށް، ވިޔަފާރިތައް އަލަށް ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓުކޮށްދިނުމުގެ ގޮތުން އުފެދިފައިވާ ފަންޑެއް. އެގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އަޅުގަނޑުމެން މި ވަނީ އުފައްދާފައި. އެހެންވީމާ، މި ރައިޓްސައިޒުކުރެވޭ ނޫނީ ރައިޓްސައިޒުކުރެވޭ ޕްރޮސެސްގެ ތެރެއިން ނޫނަސް ދައުލަތުގެ ވަޒީފާ އަދާކުރާ ކޮންމެ މީހަކު ވެސް އަމިއްލަ މަސައްކަތެއް ފަށްޓަން ބޭނުންވާ ނަމަ އެ ބޭފުޅަކު ޕްރޮޕޯޒަލްތަކެއް ހުށަހެޅުއްވީމަ މި ފަންޑުން ފައިސާ ލިބޭނެ” ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން “ކުވެމި” ގެ ނަމުގައި ހާއްސަ ފަންޑެއް މިހާރު ވަނީ ގާއިމުކޮށްފައި ކަމަށާއި މިއީ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކުރެވުނު 600 މިލިއަން ރުފިޔާގެ ފަންޑެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ކުންފުނިތައް ރައިޓްސައިޒް ކުރާއިރު ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުގައި އުޅޭ ކޮންމެ މީހަކު ވެސް އަމިއްލަ ވިޔަފާރިއެއް ފަށަން ބޭނުންވެގެން ޕްރޮޕޯސަލް ހުށަހެޅުމުން، މި ފަންޑުގެ ދަށުން މާލީ އެހީތެރިކަން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު