އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 11 މީހުން މަރުވެއްޖެއެވެ.
މިއީ، ހަމަލާތައް ހުއްޓާލަން ޖޫންމަހުގެ 17 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ސިފައިން ލުބުނާނަށް އެންމެ ވަރުގަދަ ވައިގެ ހަމަލާތައް ދިން ދުވަހެވެ.
ލުބުނާނު ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައިވަނީ އަންސާރު ނަމަކަށްކިޔާ އަވަށެއްގެ ގެއަކަށް ހަމަލާތައް އަމާޒުވެ އެގެއިން އެކަނިވެސް 7 މީހުން މަރުވި ކަމަށާއި، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށެވެ.

އަންސާރާއި، އަލީ އައްތާހިރު އަވަށަށް ދިން ހަމަލާތަކުގައި ޖުމްލަ 11 މީހުން މަރުވެފައި ވާއިރު، އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށްވެސް ބުނެފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނުގައި އާންމުންގެ ގެތަކާއި އަވަށްތަކަށް ވަރުގަދައަށް ބޮންއަޅަން ފެށީ، ދެކުނުގެ އިތުރު އަވަށްތަކެއް ހިފަން އިސްތިއުމާރީ ސިފައިން ކުރި މަސައްކަތް ހިޒްބުﷲއިން ދިން ކުއްލި ހަމަލާތަކެއްގައި ހުއްޓުވައި އިސްތިއުމާރީ ސިފައިންގެ 3 މީހުން ޒަޚަމް ކޮށްލުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެގޮތުން ކަމަށް ވެއެވެ.
ހިޒްބުﷲގެ ހަމަލާތަކުގައި ޒަޚަމްވި އިސްތިއުމާރީ ސިފައިންގެ ތިންމީހުންނަށް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ހިޒްބުﷲއިން ދިން ހަމަލާގައި ލިބުނު ގެއްލުމުގެ ބަދަލުހިފަން އިސްތިއުމާރީ ސިފައިންވަނީ ލުބުނާނުގެ އާންމުންގެ އަވަށްތަކަށް ވައިޓް ޕޮސްޕޯރަސް ބޮންވެސް އަޅާފައެވެ. ވައިޓް ފޮސްފޯރަސް ބޮންއަޅާފައިވަނީ އަލީ އައްތާހިރު އަވަށަށެވެ.
މިއީ ހަނގުރާމައިގައި އާންމުންނާ ދެކޮޅަށް ބޭނުންކުރުން ދުނިޔޭގައި މަނާކޮށްފައިވާ ހަތިޔާރެކެވެ. އެއީ، ބޮންއަޅާ ހިސާބުގެ ބޮޑު ސަރަހައްދެއްގައި އަލިފާން ރޯކޮށްލަން ބޭނުންކުރާ ބޮމެވެ.
އިސްތިއުމާރީ ސިފައިން ހިންގި އުދުވާނުތަކާ ގުޅިގެން ލުބުނާނުގެ ބޮޑުވަޒީރު ވިދާޅުވީ، މަސްރަހް ހަމަޖެހުމަކަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށެވެ.








ކިޔުންތެރިންގެ ހިޔާލު