ސްރީލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ. އަދި އެކަކު ގެއްލިފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ވިއްސާރައިގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބެމުންދަނީ ސަބަރަގަމުވަ ޕްރޮވިންސަށާއި، ކެންޑީ އަދި ނޫރެލިއާ އަށެވެ.
މޫސުން ވަރަށް ގޯސްވުމުގެ ސަބަބުން ކޭންޑީ އަދި ނޫރެލިއާ ސަރަހައްދުގެ ހުރިހާ ސްކޫލްތަކެއް ވަނީ ބަންދުކޮށްފައެވެ.

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިގާފާނެތީ އެތައް ސަރަހައްދަކަށް ރަތް އިންޒާރު ނެރެފައި ވެއެވެ. އަދި ބާރުގަދަ ވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އައްސޭރިފަށުގެ އެތައް ހިސާބަކަށް އިންޒާރު ނެރެފައި ވެއެވެ.
މީގެއިތުރުން، ވައި ގަދަވާނެކަމުގެ އިންޒާރު ނޯތު ސެންޓްރަލް، ނޯތު ވެސްޓަން، ސަބަރަގަމުވަ ޕްރޮވިންސް، ސެންޓްރަލް އަދި ސަދަން ޕްރިވިންސްތައް އަދި ޓްރިންކޮމަލީ ޑިސްޓްރިކްޓަށްވެސް ނެރެފައި ވެއެވެ.
ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ކުރިއަށްދާއިރު، ރެސްކިއު އޮޕަރޭޝަންތަކަށް ސްރީލަންކާގެ ސިފައިންވެސް ވަނީ ނެރެފައެވެ.
ފެންބޮޑުވެ އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަމުންދާ ސަރަހައްދުތަކުން އާންމުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތް ޓީމުތަކުން ގެންދަނީ ކުރަމުންނެވެ.
ބޯކޮށް ވަރޭވެހި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން ހާހަކަށްވުރެ ގިނަ އާއިލާ ހާލުގައި ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާތީ، އާންމުންނަށް ސަމާލުވުމަށް ސްރީލަންކާގެ މޫސުމާބެހޭ ޑިޕާޓްމަންޓުންވަނީ އިލްތިމާސް ކޮށްފައެވެ.









ކިޔުންތެރިންގެ ހިޔާލު