“ރިވެލި އެވޯޑު 2026” އަށް ކުރިމަތިލުމުގެ ފުރުޞަތު ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެ ފަރާތްތަކުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން، ސަރުކާރުގެ “އޯގާތެރި މުޖުތަމަޢު” ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މުހިންމު ޤައުމީ ހަރަކާތެކެވެ. އަދި މި އެވޯޑުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް އެހީތެރިވާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ހިތްވަރު ދިނުމެވެ. މި ފަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ކެޓަގަރީއަކުންނެވެ.
މި އެވޯޑުގެ މައިގަނޑު މަޤްޞަދު:
* ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުން
* މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުން
* ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުން
* މުޖުތަމަޢުގެ ހުރިހާ ދާއިރާއަކުން އެފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދިނުން
* އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، ކުރިއެރުމަށް މަގުފަހިކުރުން

އެވޯޑުދޭ ދާއިރާތައް:
* ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ
* ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތައް
* ތަޢުލީމީ ދާއިރާ
* އަމިއްލަ ޖަމުޢިއްޔާތައް
* ފަންނީ އަދި ފަރުދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް
* އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވާ ކުންފުނިތައް
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފޯމާއި އުޞޫލުތައް ޞިއްޙަތާ އާއިލާއާ އިޖުތިމާއީ އެހީތެރިކަމާ ބެހޭ ވުޒާރާގެ ކައުންޓަރުންނާއި، ވެބްސައިޓް (health.gov.mv) އިން އަދި އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް އެވުޒާާރާއިން ބުންޏެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވޭނެކަމަށް އެ ވުޒާާރާއިން ވަނީ ބުނެފައެވެ.
އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިމަހުގެ 30ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.









ކިޔުންތެރިންގެ ހިޔާލު