ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވި މުވައްޒަފުންނަށް، އެއްބަސްވުމާ އެއްގޮތަށް ހަތަރު މަހުގެ މުސާރަ ދީފައިވާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު، ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ނޫސް ބަޔާނެއް މެދުވެރިކޮށް ދޮގުކޮށްފައެވެ.
ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، ކުންފުނީގެ މާލީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުންފުނި ރައިޓްސައިޒް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، އެ މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު އިނާޔަތް ލިބޭނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ނެރުނު ސާކިއުލާއަކުން ފެށިގެން، ރިޑަންޑަންސީ އުސޫލުތައް ކުންފުނިން ވަނީ މުވައްޒަފުންނާ ހިއްސާކޮށްފައެވެ.
އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލީ ޖޫން މަހުގެ ދެވަނަ ދުވަހު ފޮނުވި އިންޓަނަލް މެމޯއަކުންނެވެ. އަދި އޭގެ ފަހުން ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ނެރުނު އިތުރު މެމޯއެއްގައި، ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުންނަށް އިނާޔަތް ދިނުމާއި އެކަމުގައި އަމަލުކުރާނެ އުސޫލުތަކުގެ ތަފްސީލުތައް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ވަނީ ސާފުކޮށްދީފައެވެ. މި އުސޫލުގެ ދަށުން ހަތަރު މަހުގެ މުސާރައާއެކު ވަކިވުމަށް ޝައުގުވެރިވާ މުވައްޒަފުން، އެކަމަށް ލިޔުމުން ހުށަހެޅުމުން، ކުންފުންޏާއި އެ މުވައްޒަފާ ދެމެދު އެއްބަސްވުމެއް ހެދޭނެ ކަމަށް ފެނަކައިން ފާހަގަކުރެއެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި، އެ އުސޫލާ އެއްގޮތަށް ޝައުގުވެރިކަން ފާޅުކުރި މުވައްޒަފުންނާއެކު އެއްބަސްވުންތައް ގާއިމުކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަތަރު މަހުގެ މުސާރައަށްވާ ފައިސާ މިހާރު ވަނީ އެ މުވައްޒަފުންނަށް ދޫކޮށްފައެވެ. މީޑިއާތަކާއި އާންމު ފަރާތްތަކުން ކުންފުންޏާ ގުޅޭގޮތުން އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ފެނަކައިން ތަކުރާރުކޮށް ބުނެއެވެ. އަދި ކުންފުނިން އެކަށައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ނުވަތަ އެއްވެސް މުވައްޒަފަކަށް ގެއްލުންވާނެ ގޮތަކަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ފެނަކައިން ވަނީ ދީފައެވެ.









ކިޔުންތެރިންގެ ހިޔާލު