މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިން އިސްކުރާ “މޯލްޑިވްސް ފަސްޓް” ސިޔާސަތު ކަމަށާއި، ކުރީގެ އެމްޑީޕީ ސަރުކާރުތަކުން ގެންގުޅުނީ “ޕްރޯ އިސްރާއީލު” ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރިން އޮތް އެމްޑީޕީގެ ވެރިކަންތަކުގައި ގެންގުޅެފައިވަނީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ކުޑަ، ދިވެހިންނާ ބީރައްޓެހި ޚާރިޖީ ސިޔާސަތުތަކެކެވެ. އޭރު ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ އެހެން ބައެއްގެ ބާރުގެ ދަށުގައި ކަމަށާއި، އެއީ އާދައިގެކޮށް ބުނާނަމަ “ގޮނޑި ކޮއްކޮ” ސިޔާސަތެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އެއީ ގައުމަށް އެންމެ ހެޔޮ ގޮތް ނޫންކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ފަޚުރުވެރި ދިވެހީންގެ ރާއްޖެއަކަށް މި ގައުމު ހެދުމަށް އެންމެ މުހިންމު ކަމަކީ ދިވެހިން އިސްކުރުން ކަމަށާއި، މި ސަރުކާރުން އަބަދުވެސް އިސްކުރާނީ ދިވެހިންނާއި ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާއެކު ރާއްޖެއިން ގުޅުން ބާއްވާނެކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމު ހުއްޓުމަކަށް ނާންނަހާ ހިނދަކު އަދި މި ސަރުކާރުގެ ސިޔާސަތު ދެމިއޮތްހާ ދުވަހަކު އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މެދުއިރުމަތީގެ ހަނގުރާމަތަކަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫންކަމަށާއި، ދިވެހިންނަކީ ސުލްހައަށް ލޯބިކުރާ ބައެއްކަން ފާހަގަކުރައްވަމުން، ޚިޔާލުތަފާތުވުންތަކަށް ހަތިޔާރުން ހައްލު ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރަޙައްދީ ޖަމިއްޔާ “ސާކް” ގެ މަސައްކަތްތައް ނުވަ އަހަރެއްހާ ދުވަހަށް ހުއްޓިފައި އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ މަސައްކަތްތައް އަލުން ފެށުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. ސަރަހައްދުގެ ތަރައްގީއާއި ސަލާމަތަށް ސާކްގެ ދައުރު މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ބޭރު ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.









ކިޔުންތެރިންގެ ހިޔާލު