ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުކުރެއްވުމަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕްރިންސް ޑރ. މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މިނިވަންދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ޚާއްޞަކޮށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް، ދިވެހި ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން “މައްކާ ރޫޓް އިނިޝިއޭޓިވް” ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑރ. މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ އިސްވެރިން ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއެކު އޮތް ގުޅުންތަކަށް ވަރަށް ބޮޑަށް އިޙްތިރާމްކުރައްވާކަން ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އަދި ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ދިވެހިރާއްޖެއަށް މިކުރައްވާ ދަތުރުފުޅަކީ، ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިޙްތިފާލުތަކުގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދެ ފަރާތުންވެސް ޤަބޫލުކުރެއެވެ.









ކިޔުންތެރިންގެ ހިޔާލު