ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 22 ކޭސް ފެނި، މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 166 އަށް އަރައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން މިއަދު ހާމަކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފައިވާ ގޮތުގައި، ހިމަބިއްސަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ބައްޔަށް ރައްކާތެރިވުމުގެ ވެކްސިން ދިނުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ. މިގޮތުން މިހާތަނަށް 9918 މީހަކަށް ވެކްސިން ދީފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ރޯގާ ޖެހުމާއި، ކެއްސުމާއި، ލޯ ރަތްވުމުގެ އިތުރުން ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މިއީ ބަލި ޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އެޅުމުގެ ތެރެއިން ވައިގެ ޒަރީއާއިން ވަރަށް ފަސޭހައިން އެހެން މީހުންގެ ގަޔަށް އަރާ ވައިރަލް ބައްޔެކެވެ. މީގެ އިތުރުން، ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު ލޮލާއި ނޭފަތް ނުވަތަ އަނގައަށް އަތްލެވިއްޖެނަމަވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ސިއްހީ އިދާރާތަކުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ. ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީ މި ބަލި ފެތުރުން ހުއްޓުވުމަށް އެޅިދާނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމުގައި ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.









ކިޔުންތެރިންގެ ހިޔާލު