މާލެއާއި ހުޅުމާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކާމެދު އަންނަ ބުދަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެކަން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިއުލާންކޮށްފިއެވެ.
މި ފިޔަވަޅު އަޅަން ނިންމާފައިވަނީ ގާނޫނު ނަންބަރު 16/2026 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުންނެވެ. މިއީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ވަރުގަދަކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
މި ނިންމުމާ އެއްގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން، ކަނޑައެޅިފައިވާ މަގުތަކާއި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އަޅަމުންދާނީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް މެދުވެރިކޮށް ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. އަދި އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު، އެކަން ރައްދުވާ ފަރާތްތަކަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ފޮނުވަމުން ގެންދާނެއެވެ.

އެހެންކަމުން، ފިޔަވަޅުތަކުގެ މައުލޫމާތު ސީދާ ލިބޭނެ ގޮތް ހެދުމަށްޓަކައި، މިހާރު ބޭނުންކުރާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ސިމްސް ޕޯޓަލް މެދުވެރިކޮށް 7 ދުވަހުގެ ތެރޭގައި އަޕްޑޭޓް ކުރުމަށް ވަނީ އަންގާފައެވެ.
ޕާކްކުރުން މަނާކޮށް ހާއްސަ ސަމާލުކަމެއް ދީގެން ފުރަތަމަ މަރުހަލާގައި ފިޔަވަޅު އަޅަން ފަށާނެ ސަރަހައްދުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކާއި ސްކޫލް ސަރަހައްދުތައް ހިމެނެއެވެ. މީގެ އިތުރުން ކަފިހިހުރަސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޕާކިން ސްލޮޓްތައް ހިމެނެއެވެ.
މާލޭގެ މަގުތަކުގެ ތެރެއިން މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު ނުވަތަ ރިންގް ރޯޑްގައި ޕާކްކުރުން މަނާކޮށް ފިޔަވަޅު އަޅާނެއެވެ.
ހުޅުމާލޭގެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން އަދި ރީތިގަސް މަގުގައި ޕާކުކުރާ އުޅަނދުތަކާމެދު ފިޔަވަޅު އަޅާނެއެވެ. އަދި ފޭސް 2 އިން ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސް މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކާމެދުވެސް ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުފަހަރު ދުއްވުމަށާއި ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.











ކިޔުންތެރިންގެ ހިޔާލު