މާލޭގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މަރާމާތުކުރުމަށް ފަހު މާފަންނު ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މާފަންނު ފުޓްސަލް ދަނޑު އަލުން ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއި މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުސްތަފާ އިބްރާހިމާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނަޒީމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، މި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ދަނޑު ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން ވަޒީރު ރާފިއު ވަނީ، ގްރޭޓާ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ފުޓްސަލް ދަނޑުތަކަކީ ޒުވާނުން ގިނަ އަދަދަކަށް ބޭނުންކުރަމުން އަންނަ ތަންތަންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، މިފަދަ ތަންތަނަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނުގެ ގޮތުގައި ބެހެއްޓުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އާ ދަނޑެއް މާފަންނުގެ ޒުވާނުންނަށް ލިބިގެންދާއިރު، މި ތަން ގިނަ ދުވަހު ބޭނުންކުރެވޭނީ އެންމެން ގުޅިގެން ފަރުދީ ޒިންމާ އަދާކޮށް، ދަނޑުގެ ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މާފަންނު ފުޓްސަލް ދަނޑު މަރާމާތުކުރުމަށްޓަކައި ބަންދުކޮށް، އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މި މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ދަނޑު އަލުން ހަވާލުކޮށްފައެވެ. މިއާއެކު، މާފަންނުގެ ޒުވާނުންނަށް ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.









ކިޔުންތެރިންގެ ހިޔާލު