ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ނަޒީމް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު އައްޔަންކުރައްވައިފިއެވެ.
މި ބަދަލު ގެންނަވާފައި ވަނީ އާރުޑީސީ އުވާލައި އެ ކުންފުނި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ. އާރުޑީސީ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ، ކުރިއަށް އޮތްތަނުގައި އެ ކުންފުނީގެ މަސައްކަތްތަކާ ހަވާލުވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ 6 އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ނަޒީމަކީ ކުރިން ވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔޫތު މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން އޭނާ ވަނީ ފުރުއްވައިފައެވެ.
ކުޅިވަރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާ ނަޒީމަކީ މިހާރު ވެސް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސެވެ. އޭނާ އަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ ރެފްރީ ވެސް މެއެވެ.
އޭނާ ވަނީ 1996 ވަނަ އަހަރު ބައިނަލްއަގުވާމީ ބީޗް ވޮލީ ރެފްރީ ކޯސް ފުރިހަމަކުރެއްވުމަށް ފަހު، ވޯލްޑް ޓުއާގެ މެޗުތަކުގައި ވެސް ރެފްރީކަން ކުރައްވައިފައެވެ.
ސަރުކާރުގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވާފައިވާ ނަޒީމް ވަނީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.