ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ވެސް، ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނީ، ނަމާދަށް ގޮވުމާ އެކު 20 މިނެޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. މި އެންގުމުގެ ތެރޭގައި އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބްތަކާއި، އެކަޑަމީތަކާއި، އަދި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ހިމެނެއެވެ.
ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލާ ގޮތަށް ބަދަލު ގެނެސް، އެ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެގޮތުން ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ތަންތަން ހެދުމުގެ މަސައްކަތް މިހާރު އޮތީ ތަންފީޒީ މަރުހަލާގައެވެ. އަދި މިހާރު ނަމާދުކުރާނެ ތަނެއް ނެތް މާފަންނު ސްޓޭޑިއަމާއި ކުޅިވަރު އެކުވެނި ފަދަ ބޮޑެތި މައިދާންތަކުގައި، ނަމާދު ގަޑި ގެއްލުނަ ނުދީ ނަމާދުކުރެވޭނެ ޒަމާނީ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒު ކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ބިނާކޮށެވެ. ނަމާދު ވަގުތާ ދިމާކޮށް ޓްރެކް ސަރަހައްދާއި މާފަންނު ސްޓޭޑިއަމްގައި ކުޅިވަރު ކްލާސްތައް ކުރިއަށްދާތީ އާންމުންގެ ފާޑުކިޔުން ސޯޝަލް މީޑިއާގައި ވެސް މީގެ ކުރިން އަމާޒުވެފައިވެއެވެ. ނަމަވެސް، މި ގެނެވޭ ބަދަލާއެކު ނަމާދު ވަގުތު ނުގެއްލޭ ގޮތަށް ކުޅިވަރު ކުޅުމުގެ ފުރުސަތު އެންމެނަށް ލިބިގެންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު