ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ރަސްމީ މެޗު ބޯޅައެއް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ހަދިޔާކުރައްވައިފިއެވެ.
ކުޅިވަރު ވުޒާރާގެ ފަރާތުން އުއްޗުއަށް ހަދިޔާކުރެއްވި މި ބޯޅައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައި އެ ވުޒާރާއަށް ހަދިޔާކުރެއްވި ބޯޅަތަކުގެ ތެރޭގައި ހިމެނޭ ބޯޅައެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން އުއްޗުއަށް މި ބޯޅަ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރުއެވެ. މީގެ އިތުރުން، ދާދި ފަހުން އެ ވުޒާރާއިން ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންނަށްވެސް މިފަދަ ބޯޅަތަކެއް ހަދިޔާކުރައްވާފައެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ ކަމަށްވާ އުއްޗު އަކީ ކުޅިވަރަށް ލޯބިކުރައްވައި، ދިވެހިރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ފަރާތެކެވެ. ވަކިން ޚާއްސަކޮށް ފުޓްބޯޅައިގެ އެކި ހަރަކާތްތަކުގައި އޭނާ ވަނީ ގިނަގުނަ އެހީތަކެއް ވެދެއްވާފައެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ފައިސާގެ އިނާމުތައް ދެއްވުމާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ސްޕޮންސާކޮށްދެއްވުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ކުޅިވަރު ވުޒާރާއިން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަހައްދުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން އާންމުންނަށް ބޮޑު ސްކްރީންގައި މެޗުތައް ބެލުމުގެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާއިރު، ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ޔޫތު ހަބްގައި ޚާއްސަ ގޭމިން ކާނިވަލެއްވެސް އަންނަނީ ބާއްވަމުންނެވެ. މި ހަރަކާތްތަކުގެ ސަބަބުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާވެ، މުޖުތަމައުގެ ގުޅުން ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު