ޞިއްޙީ ޙިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން އެމްއާރް ވެކްސިންގެ ފުރިހަމަ ކޮށްފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ޙިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ ކުދިންނަށްކަމަށެވެ.
އަދި މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން 30 ޖޫން ގެ ނިޔަލަށެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ، އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ. އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާނު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި އުމުރުން 30 އަހަރުން ދަށުގެ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރާނެއެވެ. އެޗްޕީއޭއިން ބުނީ މި މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި ޕްރޮގްރާމުގެ ތިން ވަނަ ފިޔަވަހީގެ ދަށުން 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރާނެއެވެ.
މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓުކޮށްފައިވާއިރު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެގޮތުން މިހާރު 220 ކޮންޓެކްޓުންނަށާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެމްއާރް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މިމަހު ކުރީކޮޅު އިންޑިޔާއިން ވަނީ ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފައެވެ.












ކިޔުންތެރިންގެ ހިޔާލު