ދިވެހިރާއްޖޭގައި ދިމާވެދާނެ ކެމިކަލް އަދި ބައޮލޮޖިކަލް ކުއްލި ނުރައްކާތަކަށް ތައްޔާރުވުމާއި، އެފަދަ ހާލަތްތަކުގައި އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ މަގުސަދުގައި ހާއްސަ މަސައްކަތު ބައްދަލުވުމެއް ހޮޓެލް ޖެންގައި ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 13 އިން 15 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން އިސްނަގައިގެން، އެމް.އެން.ޑީ.އެފް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ގުޅިގެން އިންތިޒާމުކުރި ބައްދަލުވުމެކެވެ. މި ޕްރޮގްރާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި ޑަބްލިއު.އެޗް.އޯ ސީއަރޯގެ ފަރާތުންނެވެ.
ދިވެހިރާއްޖޭގައި ދިމާވެދާނެ ކެމިކަލް އަދި ބައޮލޮޖިކަލް ކުއްލި ނުރައްކާތަކަށް ތައްޔާރުވުމާއި، އެފަދަ ހާލަތްތަކުގައި އިޖާބަދިނުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ
ކަމާގުޅޭ އެކި މުއައްސަސާތަކުން ޖުމްލަ 50 އޮފިޝަލުން ބައިވެރިވި މި މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ އެވެ.
އެޗްޕީއޭއިން ބުނީ މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކެމިކަލް އަދި ބައޮލޮޖިކަލް ނުރައްކަލުގެ ހާލަތްތަކުގައި ހަޙަރަކާތްތެރިވާ ޓީމުތަކާއި ކަމާގުޅޭ މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުންކަމަށެވެ. މީގެ އިތުރުން، ދުރާލާ ނުރައްކާތައް ދެނެގަތުމާއި، އިދާރާތަކުގެ ދައުރު ފުޅާކުރުމުގެ އިތުރުން ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީވެސް މި ބައްދަލުވުމުގެ މުހިންމު ބޭނުމެއްކަމަށް އެޗްޕީއޭއިން ބުންޏެވެ.
މި ތަމްރީނުގެ ތެރޭގައި ނުރައްކާތައް ވަޒަންކުރުމާއި، މުއައްސަސާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، ރައްކާތެރިކަމުގެ އާލާތްތައް ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ. އަދި ކުއްލި ހާލަތްތަކުގައި އަވަސް ފަރުވާގެ މިންގަނޑު ކަނޑައެޅުން ނުވަތަ ޓްރިއާޖް ހެދުމާއި، ވިހަ ތަޣައްޔަރުވުން ފިލުވުން ފަދަ އަމަލީ އަދި ފަންނީ ހުނަރުތައް ތަރައްގީކުރުމަށްވެސް ވަނީ ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައެވެ. މީގެއިތުރުން ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ޕްލޭންތަކާއި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް ހަރުދަނާކުރުމަށް އިސްކަންދޭނެ ކަންކަންވެސް މި ބައްދަލުވުމުގެ ތެރެއިން ކަނޑައަޅާފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކުއްލި ހާދިސާއެއްގެ ސަބަބުން ކެމިކަލް ނުވަތަ ބައޮލޮޖިކަލް މާއްދާތައް ބޭރުވުމާއި، ގައިންގަޔަށް އަރާ ބަލިމަޑުކަމެއް ފެތުރުން ނުވަތަ ވިހަވުމާއި ތަޣައްޔަރުވުމުގެ ހާލަތްތަކަކީ އާންމު ސިއްހަތަށާއި މުޅި މުޖުތަމަޢުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި އެކި އިދާރާތައް ގުޅިގެން ލަސްނުކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
މި މަސައްކަތު ބައްދަލުވުމުގެ ސަބަބުން، މިފަދަ ނުރައްކާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ އިޖުރާއާތުތަކަށް ކަމާގުޅޭ މުއައްސަސާތަކުގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި ގައުމީ ފެންވަރުގައި ހުރިހާ އިދާރާތަކެއް ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.