އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން “ވިލުންވެށި ގްރާންޓް ޕްރޮގްރާމް” މިއަދު އިފްތިތާހް ކޮށްފިއެވެ. މި ގްރާންޓް އިފްތިތާހުކޮށްފައިވަނީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މިއަދު ބޭއްވި “އެޑްވާންސިންގ ދަ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އޮފް ދަ މޯލްޑިވްސް” ފޯރަމްގައިއެވެ.
މި މަޝްރޫއަކީ އެންހާންސިންގ ކްލައިމޭޓް ރިސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން 3 މަޝްރޫއަކަށް ބަހާލައިގެން މޫސުމީ ބަދަލަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިގްތިސާދީ ފުރުސަތުތަކެއް ފަހި ކުރުމަށް ގައުމީ ފެންވަރުގައި ހިންގާ މަޝްރޫއުއެކެވެ.
މި ގްރާންޓް ސްކީމް ބެހިފައިވަނީ:
1. ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތައް
2. މުޖުތަމައުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް
3. މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް
މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކާއި، އުފެއްދުންތެރިކަން އިތުރުކޮށް ކާނާގެ މިންވަރު އިތުރުކޮށް އެއިން ލިބޭ މަންފާ ފުޅާކުރުމަށް އެހީ ދިނުމަށް ވަނީ ނިންމާފައިއެވެ. މީގެ އިތުރުން، އުފެއްދުންތައް ތައްޔާރުކުރުމާއި ބާޒާރުގައި މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މި ގްރާންޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމް އިފްތިތާޙުކުރުމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، “ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ މޫސުމީ ބަދަލުތަކަށް ހޭނުމަށާއި، ކާނާގެ ރައްކާތެރިކަމާއި، އަދި ދެމެހެއްޓެނިވި އިޤްތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭ އައު އީޖާދީ ޚިޔާލުތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ލިބިގެންދާ މުހިންމު ފުރުސަތެއް. މި އިސްނެގުމުގެ ތެރެއިން އަޅުގަނޑުމެންގެ އަމާޒަކީ، ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށް، ދެމެހެއްޓެނިވި ނަތީޖާތަކެއް ނެރެދޭނެ ފަދަ އަމަލީ ހައްލުތައް ތަންފީޒުކުރުމަށް މުޖުތަމައުތައް ބާރުވެރިކޮށްދިނުން. މި ގްރާންޓް ލިބޭ ފަރާތްތަކުގެ ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްދީ އާމްދަނީ ހޯދުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް” އެވެ.
މި އެހީގެ ފުރަތަމަބުރު ހުޅުވާލީ ވަކި ވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. އެގޮތުން ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ. އަދި މި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމަށްފަހު އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރެވިގެންދާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ ކަނޑައެޅިފައިވާ 150 ހުށަހެޅުން ހަމަވުމުން ނުވަތަ އެޕްލިކޭޝަނަށް ހުޅުވާތާ އެއްމަސް ދުވަސް ވުމުންނެވެ.
ވިލުންވެށި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އައު އީޖާދީ ހިޔާލުތައް އަމަލީ ސިފައެއްގައި ތަންފީޒުކުރުމަށް ހުރި މާލީ ހުރަސްތައް ނާއްތާލައި، އަމިއްލަ ފަރުދުންގެ ގާބިލުކަން އިތުރުކޮށްދިނުމެވެ. މީގެ އިތުރުން، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ އަށް މަގުފަހިކުރުމެވެ.
މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވެނޭއެވެ.












ކިޔުންތެރިންގެ ހިޔާލު