މާލޭގެ ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑު ރޭގެ ވަގުތެއްގައި ތަޅާލައިފިއެވެ.
މާލޭގެ ފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، ބިއްލޫރިގަނޑު ތަޅާލި މައްސަލަ ރޭގެ ވަގުތެއްގައި ވަނީ ފާހަގަކުރެވިފައެވެ. މިސްކިތް ބަލަހައްޓާ މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެ ކަމުގެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު ކުރަމުންނެވެ.
މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ބަޔާނެއް ދެއްވައިފައެވެ. މޭޔަރު ވިދާޅުވީ، އިސްލާމްދީނުގައި ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވައިލައްވާ ކަމަށެވެ. މާލޭގެ މިސްކިތްތަކަކީ ހުރިހާ ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަން ކަމަށާއި، މި ފަދަ އަމަލުތަކަކީ މުޖުތަމައުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް އާޒިމް ފާހަގަކުރެއްވިއެވެ.

ފުރުޤާން މިސްކިތަށް ގެއްލުންދިން މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ނޮވެންބަރު 24، 2024 ގައި ވެސް އެ މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. އެ ހާދިސާގައި މިސްކިތުގެ ހަތިމުތައް އުކާލައި، އިމާމު ހުންނަ ދިމާލުގައި ހުރި ކަރަންޓު ބޯޑުތަކާއި އެޑެޕްޓަރުތައް ހަލާކުކޮށް، ފެން އިސްކުރުތައް ބިންދާލައިފައިވެއެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށް، ބަންދު މުއްދަތު ވެސް އޭރު ޖަހައިފައިވެއެވެ. މި ފަދަ އަމަލުތައް މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މިސްކިތްތަކުގައި ވެސް ދޭތެރެދޭތެރެއިން ފާހަގަކުރެވޭކަން ފާހަގަކޮށްލެވެއެވެ.









ކިޔުންތެރިންގެ ހިޔާލު