ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެއެވެ.

މިއީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދިއުމަށް އީރާނާއި އެމެރިކާއިން ނިންމިފަހުން ތެލުގެ އަގު ދަށަށްދިޔަ ދެވަނަ ފަހަރެވެ.

މިއަދުވެސް ތެލުގެ އަގުވަނީ ފީފާއަކަށް ޖެހޭ އަގުން ހަތަރެއް އިންސައްތަ ދަށަށް ގޮސްފައެވެ. ސާފުނުކުރާ ތެޔޮ ފިފާއެއްގެ އަގު މިހާރު އުޅެނީ 76-78 އެމެރިކާ ޑޮލަރުގައެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ، މިދިޔަ މާޗްމަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މިހާ ދަށަށްދިޔަ ދެވަނަ ފަހަރެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެކުރިން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 65 ޑޮލަރާއި 70 ޑޮލަރާ ދެމެދުގެ އަގެއްގައެވެ.

ހަނގުރާމައިގެ ތެރޭގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށްވެސް އަރައިގެންދިޔައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް މައްޗަށް އަރައިގެން ދިޔައީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމުން އެކަމުގެ ރައްދުގައި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ. ހޮރްމޫޒު ކަނޑުއޮޅިއަކީ ދުނިޔޭގައި ކަނޑުމަގުން ކުރެވޭ ތެލާއި ގޭހާއި އަދި މުދަލުގެ ބޮޑު ނިސްބަތެއް ދަތުރުކުރާ މުހިންމު މަގެކެވެ.

ޕާކިސްތާން، ގަތަރު މެދުވެރިގެން އީރާނާއި އެމެރިކާއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު އެކަށައެޅި އެމްއޯޔޫގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ ހުކުރު ދުވަހުއެވެ.

އެއްބަސްވުން ނުވަތަ އެމްއޯޔޫގައި ސޮއިކުރާ ހިސާބުން ހޮރްމޫޒު ކަނޑުއޮޅި ހުޅުވި، އީރާނުގެ ބްލޮކޭޑް އުވި އަދި އީރާނާއި ގަލްފް ގައުމުތަކަށްވެސް އެއްވެސް ހުރަހެއް ނެތި ތެޔޮ އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފެށޭނެއެވެ.

އެކަމަކު، އެމްއޯޔޫގައި ސޮއިކުރުމާ ހަމައަށް ތެލުގެ އަގު ކުރިން އޮތްވަރަށް ދަށަށް ހިނގައިދާނެ ކަމާމެދު އަދި ޝައްކު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނަނީ، އެމެރިކާ-އީރާން އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، ކުރިން އޮތް ހާލަތަށް ދާން ވަގުތު ނަގާނޭ ކަމަށެވެ.