ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު ފުރިހަމަނުކޮށް، ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާތީ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ވިހިހާސް ރުފިޔާއިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ބަލާފައިވާ މައްސަލައަކާ ގުޅިގެން ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވަނީ، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި ވ. ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންގޮސްފައިވާތީއެވެ. މިފަދަ ޢަމަލެއް އެ ކުންފުނިން ކޮށްފައިވާ މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ، ކުށްކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ މިންވަރު ކަމަށްވާ ވިހިހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. މި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން ތިރީސް ދުވަހުގެ ތެރޭގައި ބަނޑޭރި ޕޭ މެދުވެރިކޮށް ދައްކައި ޚަލާސްކުރުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.
ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށްގެންދާ ކަމުގައިވާނަމަ، އެ މަޝްރޫޢެއްގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ މިންވަރު ބަލަންޖެހޭނެކަމަށް ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވެއެވެ. ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ބަޔާންކުރާ މަޝްރޫޢުތައް ފިޔަވައި ކޮންމެ މަޝްރޫޢެއް ކުރިއަށްގެންދާނަމަ، ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހެއެވެ. ނަމަވެސް ސީޖޭއެލް އިންވެސްޓްމަންޓުން މި ގަވާއިދާ ޚިލާފުވެފައިވާތީ، އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުގެ މަސައްކަތް ގަވާއިދުގައި ބަޔާންކުރާ ގޮތަށް ކުރިއަށްގެންދިޔުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
ތިމާވެއްޓާ ގުޅޭ ގަވާއިދުތައް ތަންފީޒުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ހުއްދަ ނުހޯދައި ސީޕްލޭން ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްފައިވާތީ މީގެ ކުރިން އެހެން ކުންފުންޏަކާމެދު ވެސް އެ އޮތޯރިޓީން ވަނީ ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިއުން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅެމުންދާ ފިޔަވަޅުތަކެކެވެ.










ކިޔުންތެރިންގެ ހިޔާލު