ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު، އެ “މަސްނޫއީ ހުރަސްތަކުގެ ޒަމާން” ނިމުމަކަށް ގެނެވުނީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އުރީދޫ ފިންޓެކް މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތް މެދުވެރިކޮށް، އެމް-ފައިސާ އެކައުންޓްތަކާއި ޕޭޕަލް އެކައުންޓްތައް ގުޅުވާލައިގެން ބައިނަލްއަޤުވާމީ އެކި ޚިދުމަތްތަކަށް ފައިސާ ބަލައިގަނެވޭނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި، މި ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުއްދެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އުފެއްދުންތެރި، އީޖާދީ ޒުވާނުންނަށް ބޭރުން ތަކެތި ގަންނާނޭ މަގުތައް ފަހިވެފައިވީނަމަވެސް، އެފަދަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރު ވިއްކައިގެން އެއަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް، ޒުވާނުން އޭރު އެމަނިކުފާނާ ހިއްސާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު، އެ “މަސްނޫއީ ހުރަސްތަކުގެ ޒަމާން” ނިމުމަކަށް ގެނެވުނީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު އިފުތިތާޙުކޮށްދެއްވި ޚިދުމަތަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ފުދުންތެރި، އަދި ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވާލާފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޕޭޕަލްގެ ޚިދުމަތާއެކު، ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް، ސީދާ ފަތުރުވެރިންގެ ފަރާތުން ފައިސާ ޖަމާކުރެވޭނޭ ފުރުސަތު ފަހިވެގެންދާނޭކަމަށާއި، ޑައިވް ސްކޫލްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބުކިންގް ހެއްދޭނޭ ފުރުސަތު ފަހިވެގެންދާނޭ ކަމަށާއި، ފަންނުވެރިންނާއި ފްރީލާންސްކޮށް މަސައްކަތްކުރާ ޑިވެލޮޕަރުންގެ އުފެއްދުންތަކާއި ޚިދުމަތްތައް، ޖިއޯގްރަފީއަށް ބެލުމެއްނެތި، މުޅި ދުނިޔެއަށް ވިއްކުމުގެ މަގު ފަހިވެގެންދާނޭކަމަށް ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖޭގެ އުފެއްދުންތެރި އަދި ވިޔަފާރިވެރި އާބާދީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ހުޅުވާލެވިފައިވާ ފުރުސަތުތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ވަކި މަސައްކަތްތަކަށް ޚާއްޞަ ފައިނޭންސިންގ އަދި މައިކްރޯފައިނޭންސިންގ ފުރުސަތުތަކާއި، ޔޫތު ކައުންސިލް މެދުވެރިކޮށް ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ކަށަވަރުކޮށްދޭ ކްރިއޭޓިވް އިކޮނޮމީ ކައުންސިލް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރަކީ ޤައުމީ އުފެއްދުންތެރިކަމުގެ އަހަރުކަން ފާހަގަކުރައްވައި، މި ސަރުކާރުން އިސްނަގައިގެން ޤާއިމުކުރާ ކްރިއޭޓަރ ހަބް، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އިފްތިތާޙުކުރައްވާނޭކަމަށާއި، އެ ހަބްގެ ސަރަޙައްދީ ގޮފިތައް، ބ. ތުޅާދޫގައްޔާއި، ގދ. ގައްދޫގައި ޤާއިމުކުރައްވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި، އުރީދޫ ގްރޫޕާއި، ޕޭޕަލް އޭޕެކްގެ މަންދޫބުން ވަނީ، ދިވެހިރާއްޖޭގެ ޑިޖިޓަލް ކުރިމަގަށް، ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވަރަށް ތަޢުރީފުކުރައްވައި، މިއަދު އިފްތިތާޙުކުރެއްވި ޚިދުމަތް ރާއްޖެއަށް ގެނައުމުގައި މި ސަރުކާރުން އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، އުރީދޫ އާއި ޕޭޕަލްގެ ލީޑަރޝިޕުން ދެއްވާ އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވައި، އިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން، މި ޚިދުމަތް ރާއްޖެއަށް ގެނައުމަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ، މޯލްޑިވްސް 2.0 ތަންފީޒުކުރެވެމުންދިއުން ކަމުގައި ސިފަކުރައްވައި، އެއާއި ގުޅުންހުރި ޚިދުމަތެއް ފޯރުކޮށްދެވުންކަމުގައި ފާހަގަކުރައްވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރާއި އިސްވެރީންނާއި، އުރީދޫ އާއި ޕޭޕަލްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.










ކިޔުންތެރިންގެ ހިޔާލު