ހިޒްބުﷲ މުޖާހިދުން އިސްތިއުމާރީ ދައުލަތުގެ އުތުރަށާއި، ލުބުނާނުގެ ދެކުނަށް އަރައިގެންއުޅޭ އިސްތިއުމާރީ ސިފައިންނަށް ރެއާއި މިއަދު ވަރުގަދަ ވައިގެ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތައް ދީފިއެވެ.
ހިޒްބުﷲ މުޖާހިދުން ފަތިހު ވަނީ، އިސްތިއުމާރީ ދައުލަތުގެ އުތުރުގައި އިސްތިއުމާރީ ސިފައިން ތިބޭ ދެ ތަނަކަށް ޑްރޯން ހަމަލާތައް ދީފައެވެ.
އަދި ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިން ގާއިމްވެގެން ތިބި ދެ ތަނަކަށްވެސް ހިޒްބުﷲއިން ރޭގައިވަނީ މިސައިލާއި، ރޮކެޓާއި، ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މީގެއިތުރުން، ހިޒްބުﷲއިން މިއަދު ހެނދުނުވެސް ވަނީ، އިސްތިއުމާރީ ސިފައިންގެ މަގާމުތަކަށާއި، އިސްތިއުމާރީ ދައުލަތުގެ އުތުރަށް ހަމަލާ ދީފައެވެ.
މި ހަމަލާތަކުގައި ދުޝްމަން ސިފައިންނަށާއި، އެމީހުންގެ ހަތިޔާރާއި އަދި ތަންތަނަށް ބޮޑެތި ގެއްލުންތައް ދެވުނު ކަމަށް ހިޒްބުﷲއިން ބުނެއެވެ. އަދި ހިޒްބުﷲގެ ހަމަލާތަކާއެކު ބާރުގަދަ ގޮވުންތައް ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ދައުރުވަމުން އެބަ ދެއެވެ. ހިޒްބުﷲގެ ހަމަލާގައި އިސްތިއުމާރީ ސިފައިންގެ މަރުކަޒެއްގައި ވަރުގަދައަށް އަލިފާން ރޯވެ އަނދާފައިވެސް ވެއެވެ.
އެހެންނަމަވެސް، އާދައިގެ އުސޫލުން އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމަލާތަކުގައި އެއްވެސް މީހަކަށް ކަމެއް ނުވާ ކަމަށެވެ.
އެކަމަކު، ހިޒްބުﷲއިން ރޭގައި ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން މުޖުރިމު ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ދެ ޓެރަރިސްޓުން ކަމަށްވާ ބެން ގްވީރާއި، ސްމޮރިޗް ދައްކަމުންގެންދާ ވާހަކަތަކުން ހިޒްބުﷲއިން ރެއާއި މިއަދު ދީފައިވަނީ އާދަޔާޚިލާފް ހަމަލާތަކެއް ކަމާއި، ބޮޑެތި ގެއްލުންތައް ލިބުނުކަން ހާމަވެއެވެ.
ބެން ގްވީރާއި ސްމޮރިޗް ނަތަންޔާހޫއަށް ގޮވާލަމުން ގެންދަނީ، ހިޒްބުﷲއިން ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ “ޚިލާފްވެއްޖެ” ކަމަށާއި، އިސްރާއީލުން ދޭ ހަމަލާތައް މުޅި ލުބުނާނަށް ފުޅާކޮށް ހިޒްބުﷲގެ ދުވަސް ދުއްވާލުމަށެވެ. ބެން ގްވީރް ގޮވާލާފައިވަނީ އިސްރާއީލު ސިފައިންގެ މީހެއްގެ ބޮލުގެ އިސްތަށްޓަކަށްވެސް ގެއްލުމެއް ދީފިނަމަ އޭގެ ބަދަލުގައި ހިޒްބުﷲގެ އެތައްހާސް މެމްބަރުން މަރާލުމަށެވެ.
ހިޒްބުﷲއިން ރައްދު ހަމަލާތަކެއް ދިނުމުން، އިސްތިއުމާރީ ދައުލަތުން “އެއްބަސްވުމޭ” ކިޔައި ވާހަކަ ދައްކާއިރު، އިސްތިއުމާރީ ސިފައިން ލުބުނާނުގެ ދެކުނަށް ހުއްޓާނުލާ ގެންދަނީ ވައިގެ ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، އެތައްބަޔަކު ޒަޚަމްވެ، ގެތަކާއި އިމާރާތްތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
އިސްތިއުމާރީ ސިފައިން މިއަދުވެސް ވަނީ، ލުބުނާނުގެ ދެކުނުގެ 29 އަވަށަކުން އާންމުން ގެދޮރު ދޫކޮށް ނުކުމެގެން ދިއުމަށް އިންޒާރު ދީފައެވެ. އަދި އެ އަވަށްތަކަށް ބޮންއަޅަން ދަނީ ތައްޔާރުވަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު