އުމާން ކަނޑުގެ ސަރަހައްދުން އެމެރިކާ ސިފައިން ހަމަލާދިން ތެޔޮ ޓޭންކަރުން ވީނުވީއެއް ނޭނގި ގެއްލުނު އިންޑިއާ ތިންމީހުންވެސް މަރުވެފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ގެއްލުނު ތިންމީހުންގެ ތެރެއިން ފަހު މީހާގެ މަރުވެފައިވާ ހަށިގަނޑުވެސް މިހާރު ފެނިފައިވާ ކަމަށް އިންޑިއާގެ ޝިޕިންގ މިނިސްޓަރ ސަރްބަނަންދާ ސޮނޮވާލްވަނީ ވިދާޅުވެފައެވެ.

ގަލްފް އޮފް އުމާންގައި ދަތުރުކޮށްފައި ދަނިކޮށް "ސެޓެބެލޯ" ނަމަކަށްކިޔާ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން މިސައިލް ހަމަލާދިނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ބޯޓުން އިންޑިއާގެ 21 ފަޅުވެރިން ސަލާމަތް ކުރިއިރު، ގެއްލުނީ ތިންމީހުންނެވެ.

އިޝްތިހާރު އިޝްތިހާރު

އިންޑިއާގެ ފޯވާރޑް ސީމަންސް ޔޫނިއަން އޮފް އިންޑިއާގެ ސެކްރެޓަރީ ޖެނެރަލް ބުނެފައިވަނީ، އެމެރިކާއިން ދިން ހަމަލާގައި މަރުވީ ޑެކް ކެޑެޓް އަދިތިޔާ ޝަރްމާއާއި، އިންޖީން ފިޓަރ ޝިވާނަންދް ޗައުރަސިޔާ ކަމަށެވެ. ނުފެނިގެން ހޯދަމުންދިޔައީ ޗީފް އިންޖިނިއަރ ޕަޓްނަލާ ސުރޭޝްއެވެ. އޭނާގެ ހަށިގަނޑުވެސް މިހާރުވަނީ  ފެނިފައެވެ.

އުމާން ކަނޑުން ދަތުރުކުރި އެމްޓީ މާރިވެކްސް ކިޔާ އުޅަނދަކަށް އެމެރިކާ ސިފައިން މިދިޔަ ހޯމަދުވަހުވެސް ހަމަލާ ދީފައި ވެއެވެ. އެ އުޅަނދުން ދަތުރުކުރި އިންޑިއާގެ 24 މީހުން ސަލާމަތްކުރާ އިންޑިއާ ކަނޑުގެ ސިފައިންނާއި އުމާންގެ ކަނޑުގެ ސިފައިން ގުޅިގެންނެވެ.

އުމާންގެ ޝިނާސް ބަނދަރުގެ ބޭރުކަނޑުން އަނެއްކާވެސް އިންޑިއާގެ އުޅަނދަކަށް މިއަދު ހަމަލާދީގެން އެބަ އުޅެއެވެ. މި ހަމަލާއާ ގުޅޭ ތަފްސީލެއް އަދި  ނުލިބެއެވެ.  ހަމަލާދިން ބޯޓުގެ ނަމަކީ އެމްޓީ ޖަލްވީރެވެ.

އުމާންގައި ހުންނަ އިންޑިއާ އެމްބަސީން އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، މިއަދުގެ ހަމަލާގެ ހާލަތު ވަރަށް ގާތުން ބަލައި  މޮނިޓަރކުރަމުންދާ ކަމަށާއި، އުމާންގެ ކަމާބެހޭ ފަރާތްތަކާ ކޯޑިނޭޓްކޮށްގެން އިތުރު ތަފްސީލު ހޯދަމުންދާ ކަމަށެވެ.