ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަކީ އަމިއްލަފުޅަށް އެދިވަޑައިގެން ހޯއްދެވި މަގާމެއް ނޫން ކަމަށާއި، އެ މަގާމާ ހަވާލުވެވަޑައިގަތީ ޕާޓީގެ އެކުވެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް ކަމަށް ސަލީމް އިންތިހާބުކުރީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްވުމާ ގުޅިގެންނެވެ. ސިއްރު ވޯޓުން 62 ވޯޓު ހޯއްދަވައިގެން ސަލީމް އިންތިހާބުވެވަޑައިގަތްއިރު، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސައިން ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މި މަގާމަށް އެހެން ބައެއް އިސް މެންބަރުން ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، ޕާޓީގެ އެތެރޭގެ މަޝްވަރާތަކަށްފަހު އެއްބަސްވެވުނީ ސަލީމް އެ މަގާމަށް ގެނައުމަށެވެ.
ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސަލީމް ފާހަގަކުރެއްވި ގޮތުގައި، އޭނާއަކީ އަމިއްލަ ވިޔަފާރީގެ ކަންކަމުގައި ވަރަށް ބުރަކޮށް އުޅުއްވާ ބޭފުޅެކެވެ. އެހެންކަމުން ނައިބު ރައީސްކަން ބޭނުންފުޅުނުވާ އެތައް ސަބަބުތަކެއް ހުރި ނަމަވެސް، ޕާޓީގެ ގުޅުން ބަދަހިކުރުމަށާއި މިއަދުގެ ހާލަތަށް ރިއާޔަތްކޮށް މަގާމާ ހަވާލުވެވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.
މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ރަސްމީ ކާރުކޮޅު ބޭނުންކުރެއްވުމަށް މަޖިލީހުގެ އިދާރާއިން އެދުމުން އެކަމަށް އިންކާރުކުރެއްވިކަން ސަލީމް ހާމަކުރެއްވި އެވެ. ސަލީމް ވިދާޅުވި ގޮތުގައި އޭނާއަކީ މާ މަތީ ފެންވަރެއްގެ ޝާހީ ދިރިއުޅުމެއް އުޅުއްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫނެވެ. މީގެ އިތުރުން، ލިބިވަޑައިގަންނަވާ ސެކިއުރިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ގާނޫނީ ގޮތުން އެއީ މުހިންމު ކަމެއްކަން ގަބޫލުކުރެއްވި ނަމަވެސް، ހަގީގީ ރައްކާތެރިކަން ވަނީ މާތް الله އަށް ވަކީލުކުރުމުން ކަމަށް ވިދާޅުވި އެވެ.
ޕާޓީގެ ލީޑަޝިޕާއި ސަރުކާރުގެ ވިސްނުމަކީ ގައުމަށް އިހުލާސްތެރިވުން ކަމަށާއި، ބޮޑާކަމާއި ކިބުރުވެރިކަމާއެކު އުޅުމަކީ ޕާޓީގެ ސިޔާސަތެއް ނޫންކަމަށް ސަލީމް ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އިތުބާރުކުރުމަށް ޕާޓީގެ މެންބަރުންނަށް ގޮވާލައްވަމުން، ޕީއެންސީއަކީ ކާމިޔާބު ޕާޓީއެއް ކަމަށާއި، ކަންކަން އިސްލާހުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސަލީމް ވަނީ ފާހަގަކުރައްވާފަ އެވެ.










ކިޔުންތެރިންގެ ހިޔާލު