ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ފައިނަލް ފުރަތަމަ ޖާގަ، ޕާކިސްތާނުން ހޯދައިފިއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. މުބާރާތުގައި އަފްގާނިސްތާން ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ކައިރިން 1-0 އިން މޮޅުވި އިރު، ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރި ފުރަތަމަ މެޗު އެއްވަރުވީ 0-0 އިންނެވެ. އޭގެފަހުން އަފްގާނިސްތާނުން ބަންގްލްދޭޝް ކައިރިންވެސް ގޯލެއް ނުޖެހި އެއްވަރުވި އިރު، އެންމެފަހު މެޗުގައި މިރޭ ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝްއިން މުބާރާތުގައި ވާދަކުރަނީ އެގައުމުގެ ޒުވާން އޮލިމްޕިކް ޓީމެވެ.
ޕާކިސްތާނުން މިއަދުގެ މެޗަށް ނުކުތީ ރާއްޖެ ކައިރިން 3-0 އިން މޮޅުވެ، ފައިނަލް ޔަގީން ކުރުމަށެވެ.
މިއަދު 2-0 އިން މޮޅުވެ، ޕާކިސްތާނަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަފްގާނިސްތާނަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. މިރޭ ރާއްޖެ ބަލިކޮށް ބަންގްލަދޭޝްއަށް ފައިނަލަށް ދާން ފުރުސަތު އެބައޮތެވެ. އެއީ މިހާރު އެޓީމަށް ދެމެޗުން ދެ ޕޮއިންޓް ލިބިފައި އޮތުމުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ޕާކިސްތާނުން ފެށީ ވަރުގަދަ ކޮށެވެ. އެޓީމުން ވަނީ ހަތަރު ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. އިނގިރޭސި ކްލަބު ވްރެކްސަމް އަށް ކުޅޭ ފޯވާޑް، އުމަރު ނަވާޒް އެ ގޯލް ޖަހައިދިނީ ޝަޔާކް ދޯސްތު ނަގައިދިން ހުރަސް ގޯލްގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ.
އޭގެފަހުން އަފްގާނިސްތާނުންވެސް ނުރައްކާ ކުރިއެވެ. ކެޕްޓަން އޮމިދު ޕޮޕޯލްޒޭގެ ދެ ހިލޭ ޖެހުމެއް ނުރައްކާތެރިކޮށް ފެނުނު އިރު، އޭނާގެ ފަހު ހިލޭ ޖެހުން އަމާޒުވީ ހުރަސް ދަނޑިއަށެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް އަފްގާނިސްތާނުން ރަނގަޅަށް މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، އޮމިދޫ އޮސާވީ ފޮނުވާލި ހަމަލާ މަތަކުރީ ޕާކިސްތާނުގެ ކީޕަރު ޔޫސުފް އީޖާޒް ބަޓެވެ.
އެ ހަމަލާތަކާއެކު އަފްގާނިސްތާނަށް ފުރުސަތުގެ ބޭނުން ނުހިފި ދިޔަ އިރު، ފަހު މިނެޓު ކޮޅުގައި ޕާކިސްތާން ދެވަނަ ގޯލެއް ޖަހައި މެޗު ޔަގީންކުރިއެވެ. އެ ގޯލް ޖަހައިދިނީ ހާރޫން ރަޝީދެވެ.
މެޗު ނިމިގެން ދިޔައީ އަފްގާނިސްތާންގެ ކެޕްޓަން ޕޮޕޯލްޒޭއަށް ރަތް ކާޑަކާއެކުގައެވެ. އޭނާއަށް ރެފްރީ ފުލުފުލުގައި ދެވަނަ ރީނދޫ ކާޑެއް ދެއްކީ ރާއްޖޭގެ ރެފްރީ ހުސެއިން ސިނާންގެ ނިންމުންތަކާ ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ.










ކިޔުންތެރިންގެ ހިޔާލު