އާސަންދައިގެ ޚިދުމަތްތައް ޑިޖިޓަލައިޒްވެގެން ދިޔުމާއެކު މިހާރަށްވުރެ އަވަސް ޚިދުމަތެއް ލިބިގެންދާނެކަމަށް އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. ޚިދުމަތްތައް އަވަސްކުރުމުގެ ގޮތުން، އެންސްޕާގެ ދަށުން ދެމުންދިޔަ އިޖުތިމާޢީ އެހީއާއި ގުޅުންހުރި ގިނަ ޚިދުމަތްތަކެއް ސަރުކާރުން މިހާރު ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒީނިޔާ ވިދާޅުވީ، ޚިދުމަތް ލަސްވާ މައިގަނޑު ސަބަބަކީ ފޯމުތަކާއި ރަޖިސްޓަރީތައް މެނުއަލްކޮށް ބެލެހެއްޓުމަށް މުވައްޒަފުންގެ ގިނަ ވަގުތުތަކެއް ހޭދަވުމެވެ. ނަމަވެސް، ސިސްޓަމް އެއްކޮށް ޑިޖިޓަލައިޒްކޮށް ނިމުމުން ޚިދުމަތްތައް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޚިދުމަތަށް އެދުން ފަސޭހަކުރުމަށްޓަކައި 'މައި އާސަންދަ ޕޯޓަލް' މިހާރު ވަނީ ޤާއިމުކޮށްފައެވެ. އީފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްއިން ބޭސްފަރުވާގެ އެހީއަށް އެދުމާއި، ބަލިމީހާގެ އެހީތެރިޔާއަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ. މީގެ އިތުރުން، ބޭސްފަރުވާއާ ގުޅޭ ދައުލަތުގެ އެހީގެ މަޢުލޫމާތުވެސް މި ޕޯޓަލްއިން ލިބޭނެއެވެ.

އާސަންދައިގެ ޚިދުމަތްތައް ހަރުދަނާކުރަނީ ހެދިފައިވާ އުޞޫލުތަކުގެ ތެރެއިން ނާޖައިޒު މަންފާ ނުނެގޭނެ ގޮތަކަށެވެ. އަހަރުން އަހަރަށް އާސަންދައިގެ ހޭދަ އިތުރުވަމުންދާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގަނީ ބޭސް އެތެރެކުރުމަށާއި ދާއިމީ ބަލިތަކަށް ފަރުވާކުރުމަށެވެ.

އިޝްތިހާރު އިޝްތިހާރު